ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 182 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 124 މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 4،656 މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. އަދި އޭގެ ތެރެއިން 182 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 124 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހުންނެވެ.
އިތުރު 182 މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 88،817ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2000 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 245 މީހުން ނިޔާވެފައިވާއިރު، 86،559 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ކޮވިޑްގެ ކޭސްތަކުގެ އަދަދު މާލެ ސަރަހައްދުން ދަށްވެފައިވީ ނަމަވެސް އަތޮޅު ތެރޭއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މަޑު މަޑުން މަތިވަމުންނެވެ.