ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ, ރަނގަޅު ޖީލެއް ބިނާކުރުމަކީ ހަމައެކަނި މުދައްރިސުންނާއި ބެލެނިވެރިންގެ އެކަނި ޒިންމާއެއް ނޫން ކަމަށެވެ. އެކަމުގައި މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ, ކަންތައްތައް ހޯދާ, ބަލާ މީހުންނަށް ވާންޖެހޭ ކަމަށެވެ. އަދި އަޚުންތަކެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު ދިރިއުޅެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ބޭރު ގައުމުތަކުގައި ހިނގާ ކަންތައްތައް މިނިޓެއްގެ ތެރޭގައި ރާއްޖެއާ ހަމައަށް ވެސް ފޯރާ ޒަމާނެއްގައި އެ ގައުމުތަކުން ރަނގަޅު ކަންތައްތަކެއް ފެނިގެންދާއިރު, ދޫކޮށްލަން ޖެހޭ ގޯސް ކަންތައްތައް ވެސް އެބަހުރި ކަމަށް ފައިޞަލް ވިދާޅުވިއެވެ.
ދަރިންގެ ކިބައިގެ އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި, އިސްލާމްދީން ދައްކުވައިދޭ އެންމެ މުހިންމު ކަމަކީ ރިވެތި އަޚުލާގާއި އަޅާލުމާއި ހިތްހެޔޮކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީހަކަށްކޮށްދޭ ހެޔޮކަމަކުން ނުވަތަ ބުނާ ބަހަކުން ނުވަތަ ދެވޭ ހިނިތުންވުމަކުން އަތުންދާ އެއްވެސް އެއްޗެއް ނެތްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ދަތި ހާލަތުގައި އުޅޭ މީހަކަށް އެހީތެރިވެދިނުމުން އެއީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑަށް އުފަލަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދާން ބޭނުންވާ މަގުން ކާމިޔާބު ކަމާއެކު ދެވޭނީ އެގޮތަށް އަމަލުތައް ބަހައްޓައިގެން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޖުތަމައުގައި އުޅޭއިރު ދަރިންގެ ކަންތައްތައް ގާތުން ބަލައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި, ރަނގަޅު ދަރިންތައް ގައުމެއްގައި އުފެދެނީ ނުހަނު ގިނަ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ކަންތައްތައް އޮތީ ކުރީގައި އޮތް ގޮތަށް ނޫން ކަމަށާއި, ދަރިންގެ ކަންތައްތައް ކައިރިއިން ބަލައި އެކުދިން ހިނގާ މަގު ރަނގަޅަށް ބަލަން ޖެހޭ ކަމަށް ފައިޞަލް ވިދާޅުވިއެވެ.
ކޮވިޑަކީ ހަޔާތުގައި ނުފެންނަ ވަރުގެ ބޮޑު އިމްތިހާނެއް ކަމަށާއި, މިކަހަލަ ކަންތައްތަކުން ފިލާވަޅު ލިބިގަންނަން އެބަޖެހޭ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.