ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 11:01
ބަޔާނާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާނާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ޑޯޓްމުންޑް ބަލިވުމުން ބަޔާނަށް ހަތަރު ޕޮއިންޓުގެ ލީޑެއް
 
ބަޔާން މޮޅުވީ ފްރެއިބާގް އަތުން 2-1 ގެ ނަތީޖާއަކުން
 
ޑޯޓްމުންޑް ބަލިވީ ލައިޕްޒީގް އަތުން 2-1 ގެ ނަތީޖާއަކުން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އާރްބީ ލައިޕްޒީގް އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވުމާއެކު، ފްރެއިބާގް އަތުން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ތޯމަސް މުލާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއޯން ގޮރެޓްޒްކާއެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ބަޔާނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މި މެޗުގައި ލެވަންޑޯސްކީ ލަނޑު ޖެހިއިރު، މި ފަހަރުގެ ލީގުގައި ލެވަންޑޯސްކީ ވަނީ މިހާތަނަށް 13 ލަނޑު ހަމަކޮށްފައެވެ.

އޭގެ ފަހުން މި މެޗުގައި ފްރެއިބާގުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 85 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އެ ޓީމުގެ ވިންޗެންޒޯ ގްރިފޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބަޔާނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ފްރެއިބާގުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔަނިކް ހާބަރާއެވެ.

ލައިޕްޒީގާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން ބަޔާން މޮޅުވިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމުންޑް ބަލިވީ ލައިޕްޒީގް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލައިޕްޒީގުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ކެޕްޓަން މާކޯ ރޮއިސް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލައިޕްޒީގުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. އެންކުންކޫ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔުސުފް ޕޯލްސެންއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 11 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ފްރެއިބާގަށް 11 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް