ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 19:26
މީގެ ކުރިން ބޭއްވި ގައުމީ ވޮލީބޯޅަ ލީގުގެ މެޗެއްގެ ތެރެއިން
މީގެ ކުރިން ބޭއްވި ގައުމީ ވޮލީބޯޅަ ލީގުގެ މެޗެއްގެ ތެރެއިން
މިހާރު
ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް
ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕާއެކު ވޮލީއަށް އިންގިލާބީ ބަދަލެއް
 
ހަތް ޒޯނަކަށް ބަހާލައި, ހުރިހާ ރަށަކަށް ބައިވެރުވުމުގެ ފުރުސަތު އޮންނާނެ
 
މިއީ ރާއްޖޭގައި ވޮލީބޯޅައިގެ މިފަދަ ބޮޑު މުބާރާތެއް ބާއްވާނެ ފުރަތަމަ ފަހަރު

ރާއްޖެ ހަތް ޒޯނަކަށް ބަހާލައި, ހުރިހާ ރަށަކަށް ބައިވެރުވުމުގެ ފުރުސަތު އޮންނާނެހެން "ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް" މުބާރާތް އަންނަ އަހަރު ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ތާވަލުކޮށްފިއެވެ.

މީގެ ކުރިންވެސް ވީއޭއެމުން އަތޮޅު ތެރޭގައި ވޮލީބޯޅަ މުބާރާތްތައް ކުރިއަށްގެންދިޔަ ނަމަވެސް، އަންނަ އަހަރު ފަށާ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ވެގެންދާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯޅައިގެ މިފަދަ ބޮޑު މުބާރާތެއް ބާއްވާނެ ފުރަތަމަ ފަހަރަށެވެ. އެގޮތުން އަންނަ އަހަރު މުޅި ރާއްޖޭގައި ބާއްވާ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކުރިއަށްދާނީ ހަތް ޒޯނެއްގެ މެދުގައެވެ. އަދި އެ ޒޯނުތަކުގެ ޗެމްޕިއަނުންގެ މެދުގައިވެސް މުބާރާތެއް ބޭއްވުމަށް ވީއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރަން ނިންމާފައިވާ މުބާރާތަކީ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކަމަށެވެ. އަދި އެ މުބާރާތަކީ އަތޮޅުތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްކަން ރަނޭ ވަނީ ފާހަގަކުރައްވާފައެވެ.

ރަނޭ ވިދާޅުވީ އަތޮޅުތެރޭ މުބާރާތުން މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވޭނެ ފަދަ ގޮތަކަށް މުބާރާތް ރޭވޭނެ ކަމަށާއި، އޭގެ އިތުރުން ކުލަބުތަކަށް ބާއްވާ މުބާރާތްތައްވެސް އޮނިގަނޑު ތަފާތުވާނެ ކަމަށެވެ. އަދި ވޮލީ ކަލަންޑަރު ނެރޭއިރު، މުޅި ސްޓަރަކްޗާ އޮންނާނީ ބަދަލުވެފައި ކަމަށްވެސް ވިދާޅުވިއެވެ.

މައިގަނޑު މިހާރު އޮންނާނީ މުޅި ރާއްޖޭގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް. އޭގެ އިތުރުން މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމުތައް ނަގާ ވާހަކަ މި ދައްކަނީ. އެއާއެކު ކުލަބުތަކަށްވެސް ގައުމީ ފެންވަރުގައި ވާދަކުރަން އެބަ ފުރުސަތު ދޭން ޖެހޭ. އެހެންވީމަ މުބާރާތްތަކުގެ ތެރެއިން އެ ފުރުސަތުވެސް އޮންނާނެ.
ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)

މީގެ އިތުރުން ރަނޭ ވިދާޅުވީ ގައުމީ ވޮލީބޯޅަ މުބާރާތާއި، އެސޯސިއޭޝަން ކަޕުގެ އިތުރުން ރިސޯޓު ވޮލީ މުބާރާތްވެސް އަންނަ އަހަރު ބޭއްވިގެން ދާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ މުބާރާތަށް ޓީމުތައް ފައްކާކުރުމަށް މިހާރުވެސް ވޮލީބޯޅައިގެ ކޭމްޕުތަކެއް އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދާކަން ރަނޭ ވަނީ ފާހަގަކުރައްވާފައެވެ.

ރަނޭ ވިދާޅުވީ ވޮލީ ކޭމްޕުތަކަށް ރާއްޖެއިން ބޭރުން ކޯޗުން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު ކޯޗުންނާއެކު ރިސޯޓުތަކުގައިވެސް ކޭމްޕުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރަކީ ވީއޭއެމަށް ބުރަ އަހަރެއް ކަމަށާއި، އެގޮތުން އެ އެސޯސިއޭޝަނުގެ ހަރަކާތްތައް ގިނަ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ޕްލޭނިން މަރުހަލާ ނިމި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެފްއައިވީބީއާއެކު އެކަންކަމަށް އަމަލީ ސިފަ ގެނައުމަށް ކަމަށްވެސް ރަނޭ ވަނީ ވިދާޅުވެފައެވެ.

ވީއޭއެމުގެ ރައީސްކަމާ ރަނޭ ހަވާލުވިފަހުން ވީއޭއެމުގެ މަސައްކަތްތައް ކުރިއަށްވުރެ ބާރަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީގެ ރައީސް އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވިއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބީޗް ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ދާދި ފަހުން ވީއޭއެމުން ވަނީ ބޮޑު ޕްލޭނަކާއެކު ޒުވާން ގައުމީ ޓީމެއް އެކުލަވާލައި، އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
20%
80%
0%
0%
0%
0%
ކޮމެންޓް