ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 14:38
މަތިންދާބޯޓެއް ވެއްޓުނު ހާދިސާ
މަތިންދާބޯޓެއް ވެއްޓުނު ހާދިސާ
ރޮއިޓަރސް
މަތިންދާބޯޓެއް ވެއްޓި މެންޑޮންކާ މަރުވުން
ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެންޑޮންކާ މަރުވެއްޖެ
މެންޑޮންކާއަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ފަންނާނު ކަމަށްވޭ

ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެންޑޮންކާ އާއި، އޭނާގެ މެނޭޖަރާއި، އެހީތެރިޔަކު މިނާސް ގެރާއިސް ސްޓޭޓަށް ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި ނޮވެމްބަރ 5 ވަނަ ދުވަހު މަރުވެއްޖެއެވެ.

މެންޑޮންކާގެ ޕްރެސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓް ވެއްޓުނު ހާދިސާގައި އޭނާގެ ޕްރޮޑިއުސަރު ހެންރީކޭ ރިބެއިރޯ އާއި އެހީތެރިޔާ އަބީސީލީ ސިލްވެއިރާ ޑިއާސް ފިލްހޯގެ އިތުރުން މަތިންދާބޯޓުގެ ޕައިލެޓާއި ކޯ ޕައިލެޓް ވެސް މަރުވެފައިވާ ކަމަށެވެ. ބްރެޒިލްގެ ކަންޓްރީ މިއުޒިކް ސްޓައިލް "ސެރްތާނޭޖޯ" ގެ އައިކަންއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މެރިލިއާ މެންޑޮންކާ ވަނީ އެ ކެޓަގަރީގެ އަލްބަމަކަށް 2019 ވަނަ އަހަރު ލެޓިން ގްރެމީއެއް ހޯދާފައެވެ. ހުކުރު ދުވަހުގެ ކުރީކޮޅު އޭނާ ވަނީ މަތިންދާބޯޓަށް އަރައިހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ.

މަތިންދާބޯޓު ފުރައިގެން ދިޔައީ ގޯނިއާއިން ކެރަޓިންގާއަށެވެ. އުމުރުން 26 އަހަރުގެ މެންޑޮންކާ، ހުކުރު ދުވަހު ކެރަޓިންގާގައި ކޮންސެޓެއް ބާއްވަން ހަމަޖެހިފައި އޮތް ކަމަށް ޚަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ ޖީ1 އިން ރިޕޯޓް ކޮށްފައި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާއިރު ސަރުކާރުގެ ކަރަންޓް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މަތިންދާބޯޓު ވެއްޓުނީ ބިންމައްޗަށް ވެއްޓުމުގެ ކުރިން އެ ކުންފުނީގެ ކަރަންޓް ޑިސްޓްރިބިއުޝަން ލައިނެއްގައި ޖެހިގެން ކަމަށެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ޓުވިޓަރ މެދުވެރިކޮށް ވިދާޅުވީ، މި ޚަބަރު ލިބުމުން މުޅި ގައުމު ހައިރާންކޮށްލި ކަމަށާއި، މެންޑޮންކާއަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ފަންނާނު ކަމަށެވެ. "އަހަރެމެންނަށް އިހްސާސް ކުރެވެނީ އަހަރެމެންގެ ވަރަށް ގާތް މީހަކު ގެއްލިއްޖެ ކަން،" ބޮލްސޮނާރޯގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބްރެޒިލް ގައި ފުޅާ ދާއިރާއެއްގައި ލޮކްޑައުން ތައް ކުރިމަތިވިއިރު، މެންޑޮންކާގެ ކޮންސެޓެއްގެ ލައިވް ބްރޯޑްކާސްޓް ބެލި މީހުންގެ އަދަދު 3.3 މިލިއަން އަށް އަރާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް