އޮސްޓްރިއާގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ވެކްސިން ނުޖަހާ ތިބި މީހުންނަށް ކެފޭ، ރެސްޓޯރެންޓް އަދި ސެލޫނަށް ވަނުން މަނާކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އޮސްޓްރިއާގެ ސަރުކާރުން އަންނަނީ އެގައުމުގެ ވީހާވެސް ގިނަ ރައްޔިތުން ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅަމުންނެވެ. އޮސްޓްރިއާގެ އާބާދީގެ 64 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ބަލާއިރު އެވްރެޖް މިންވަރެކެވެ. ނަމަވެސް ހުޅަނގު ޔޫރަޕަށް ބަލާނަމަ މިއީ ވަރަށް މަދު އަދެދެކެވެ. އޮސްޓްރިއާގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ވެކްސިނާމެދު ތަފާތު ވިސްނުންތައް އުފެދިފައެވެ.
ހުކުރު ދުވަހު އޮސްޓްރިއާގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނި 9388ށް އަރާފައެވެ. މިއީ މީގެ އަހަރެއްގެ ކުރީގެ އަދަދާއި އަޅާބަލާއިރު ކުޑަމިންވަރެއްގެ މަދުވުމެކެވެ. މީގެ އަހަރެއް ކުރިން އޮސްޓްރިއާގައި ދުވާލެއްގެ ތެރޭގައި 9586 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ކުރިޔަށް އޮތް ތަނުގައި ކޮވިޑްގެ އައު ރިކޯޑްތަކެއް ރިކޯޑްކުރެވެމުންދާނެކަމަށެވެ.
މީގެއިތުރުން ބަލިޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދުވެސް ހަލުވިމިނުގައި އަންނަނީ އިތުރުވަމުންކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެތެރޭގައި ވެކްސިން ނުޖަހާ ތިބި މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ސަރުކާރުން ބުނެއެވެ.
ވެކްސިން ނުޖަހާ މީހުންނަށް ނުވަދެވޭ ގޮތަށް ކަނޑައެޅި ތަންތަނަށް ވަނުމުގައި ހަތަރު ހަފްތާގެ މުއްދަތަށް ވެކްސިން ޖެހުމަށްފަހު ޕީސީއާރު ޓެސްޓަކާއެކު އެތަންތަނަށް ވަދެވޭނެކަމަށް އޮސްޓްރިއާ ސަރުކާރުން ބުނެއެވެ. ނަމަވެސް އޭގެފަހުން ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ނޫނީ އެތަންތަނަށް ނުވަދެވޭނެކަމަށް އޮސްޓްރިއާ ސަރުކާރުން ބުނެއެވެ.