ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 22:56
ބާސާގެ ކޯޗުގެ މަގާމާ ހަވާލުވަން ނިންމާފައިވާ ލެޖެންޑް ޒަވީ
ބާސާގެ ކޯޗުގެ މަގާމާ ހަވާލުވަން ނިންމާފައިވާ ލެޖެންޑް ޒަވީ
ގެޓީ އިމޭޖަސް
ޒަވީ ބާސާއާ ހަވާލުވުން
ބާސާގެ އައު ކޯޗަކަށް ޒަވީ
 
ރިލީޒް ފީއެއްގެ ގޮތުގައި ފަސް މިލިޔަން ޔޫރޯ ދައްކާނެ
 
ދެތިން ދުވަހެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާނެ

ބާސެލޯނާގެ އައު ކޯޗުގެ މަގާމާ ހަވާލުވާން އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ތައްޔާރުވެއްޖެއެވެ.

ދާދި ފަހުން ބާސާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފައެވެ. އުމުރުން 52 އަހަރުގެ ކޫމަން މަގާމުން ވަކިކުރިއިރު، އޭނާ ބާސާގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަން ވަކިކުރުމާއެކު މިދިޔަ ދުވަސްތަކުގައި ބާސާއަށް އިރުޝާދުދީފައިވަނީ ވަގުތީ ކޯޗަކަށް ސާޖީ ބާހުއަންއެވެ.

ބާސާގެ ކޯޗުގެ މަގާމަށް އުމުރުން މިހާރު 41 އަހަރުގެ ޒަވީ ގެންނަށް ބާސާގެ ރައީސް ޖޮއާން ލަޕޯޓާ މީގެ ކުރިންވެސް ޝައުގުވެރިވި ކަމަށް ރިޕޯޓުތައް ބުނިއިރު، ކޫމަން ވަކިކުރުމާއެކު ބާސާގެ ބޯޑު މެމްބަރުންގެ މެޖޯރިޓީން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް ޒަވީ ހަމަޖެއްސުމަށް ތާއީދުކޮށްފައެވެ.

މީގެ ކުރިން ބާސާއަށް ކުޅުމަށްފަހު ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އަލް ސާދާ ހަވާލުވީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ޒަވީ ވަނީ ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް އަލް ސާދުގައި މަޑުކުރަން އެއްބަސްވެފައެވެ.

އެހެންކަމުން ބާސާގެ ކޯޗުގެ މަގާމަށް ޒަވީ ހަމަޖެއްސުމަށް ހުރަސްތަކެއް ކުރިމަތިވިއިރު، ދާދި ފަހުން ބާސާގެ ބޯޑު މެމްބަރުންގެ ޓީމެއް ވަނީ ގަތަރުގައި އަލް ސާދުގެ އޮފިޝަލުންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކަށްފަހު އަލް ސާދުން ވަނީ ޒަވީގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އަލް ސާދުން ޒަވީގެ އެއްބަސްވުން އުވާލަން ނިންމީ ރިލީޒް ފީއެއްގެ ގޮތުގައި ފަސް މިލިޔަން ޔޫރޯ ދެއްކުމަށް އެއްބަސްވުމުންނެވެ.

އަލް ސާދު ދޫކޮށް ޒަވީ ބާސާއާ ގުޅޭއިރު، ކޯޗިންގައި އަލް ސާދާ އެކު އޭނާ ވަނީ ހަތް ޓްރޮފީ އުފުލާލައި، ގިނަ ރިކޯޑުތަކެއް ގާއިމުކޮށްފައެވެ. އަދި ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަލް ސާދާއެކު ހަތަރު ޓްރޮފީ ކާމިޔާބުކޮށްފައެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ޒަވީ ބާސާއާއެކު ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

ކޯޗެއްގެ ގޮތުގައި ޒަވީ ބާސާއާ ގުޅޭއިރު، ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ބާސާއާއެކު 25 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ސުޕަ ކަޕާއި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އަދި ޒަވީ ވަނީ ބާސާއަށް ކުޅެދިން 767 މެޗުގައި 85 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް