ހދ. ކުޅުދުއްފުށި ސިޓީ
|
5 ނޮވެންބަރ 2021 | ހުކުރު 10:09
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ބަޖެޓް 2022
ބަޖެޓް 2022: ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އުންމީދީ ބަޖެޓެއް
 
އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި އަލަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައި

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަންވަނީ ހިމަނާފައެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރައްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު އެ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ކުޅުދުއްފުށި ސިޓީގައި އަލަށް ފެށުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލް ހެދުމަށް 34،120،879 ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފިޒިއޯތެރަޕީ އިމާރާތް ބޮޑުކުރުމަށް 234،000 ރުފިޔާ ހިމަނާފައިވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ގިނަބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަކަށްވާއިރު މި ދެ މަޝްރޫއުވެގެންދާނީ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ދެ މަޝްރޫއަށެވެ.

ކުޅުދުއްފުށި ސިޓީގައި އިންޑޯ ކޮމްޕްލެސްއެއް ގާއިމުކުރުމަށް 682،418 ރުފިޔާ ހިމަނާފައިވާއިރު، ސިންތެޓިކް ޓްރެކްއެއް ތަރައްޤީކުރުމަށް 2،004،358 ރުފިޔާވަނީ ބަޖެޓްގައި ހިމަނާފައެވެ. ކުޅުދުއްފުއްޓަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށަކަށްވާއިރު ކުޅިވަރުކުޅޭ ޒުވާނުންނަށް މިއީ އުފާވެރި ޚަބަރެކެވެ. އަދި ކުޅުދުއްފުއްޓަކީ ޤައުމީ ފެންވަރުގެ އެތުލީޓުން ތިބި ރަށެއްކަން ފާހަގަކުރެވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް އަކީ ކުޅުދުއްފުށީގެ ތަރައްޤީގެ ބޮޑު ހިއްޞާއެއް އަދާކުރާކުރާ ތަނެކެވެ. އެގޮތުން އެއަރޕޯރޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 2،175،000 ރުފިޔާ ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ މަލްޓިޕާޕޯސް ހޯލް އިމާރާތްކުރުމަށް 900،000 ރުފިޔާ ބަޖެޓްގައި ހިމަނާފައި ވާކަމީ ކުޅުދުއްފުށީގެ ތައުލީމީ ކަންކަމަށް ލިބިގެންދާނޭ އިތުރު ކުރިއެރުމެކެވެ.

މީގެއިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގާއިމުކުރުމާއި، ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކުޅުދުއްފުށީ ސިޓީގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 5 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 8 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 3 މަޝްރޫޢުއަކާއި، އަދި އެވޯޑް ކުރެވިފައިވާ 3 މަޝްރޫޢުއެކެވެ.

ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 މިހާރު ކޮންޓެކްޓަރާ ހަވާލުކުރެވިފައިވާއިރު، މިއަހަރު ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިހުރިހާ މަޝްރޫއުތަކަކީ ވެސް ކުޅުދުއްފުށި ސިޓީގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތަކަކަށްވާއިރު، މިއީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއުތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
67%
33%
0%
ކޮމެންޓް