އަފްޣާނިސްތާނުގައި ބޭރު ފައިސާއިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން ޠާލިބާނުން މަނާކޮށްފިއެވެ.
އާންމު ވިޔަފާރިތަކުގައި ބޭރު ފައިސާ ބޭނުންކުރުން ޠާލިބާނުން މަނާކޮށްފައިވާއިރު, އެ ގައުމުގެ ބާޒާރުތަކުގައި ޑޮލަރުން ވިޔަފާރި ކުރުމަކީ އާންމު ކަމެކެވެ.
އެ ގައުމުގެ ބާޒާރުތަކުގައި ޑޮލަރުން ވިޔަފާރި ކުރުން އާންމުވެފައިވަނީ ވަކިން ޚާއްސަ ގޮތެއްގައި، އަފްޣާނިސްތާނާއި އެހެން ގައުމުތައް ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ އަވަށްތަކުގައެވެ. އޮގަސްޓް 15 ވަނަ ދުވަހު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަތުލުމާ ގުޅިގެން، އެހެން ގައުމުތަކުގައި ހުރި އެގައުމުގެ މުދާތަކާއި ފައިސާތައް އެމެރިކާގެ މަރުކަޒީ ބޭންކާއި، ޔޫރަޕްގެ މަރުކަޒީ ބޭންކުތަކުން ވަނީ ހިފަހައްޓާފައެވެ.
މާލީ އަދި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން ލަފާކޮށްފައިވާގޮތުން ޠާލިބާނުން ވެރިކަމަށް އައުމަށްފަހު, އިގުތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް އަފްޣާނިސްތާނުގެ އިގުތިސާދަށް މިކަމުގެ ސަބަބުން އިތުރު ގެއްލުންތައް ލިބޭނެ ކަމަށެވެ.
އަފްޣާނިސްތާނުގައި ބޭރު ފައިސާ އިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން ޠާލިބާނުން މަނާކޮށްފައިވާއިރު, އެގައުމުގައި ގާއިމުކޮށްފައިވާ ޠާލިބާނުންގެ ވެރިކަން ގަބޫލުނުކުރުމުގެ ނަތީޖާ ހިތިވާނެކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ޠާލިބާނުންގެ ވެރިކަން ބަލައިގެންފައިނުވާއިރު, ބައެއް ގައުމުތަކުގެ ވަފުދުތައް ޠާލިބާނުންނާ ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް އެ ޖަމާއަތުގެ ވެރިކަން ގަބޫލުކުރުމަށް ވަނީ ފަސްޖެހިފައެވެ.
ޠާލިބާނުންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވީ އެ ޖަމާއަތުން ގާއިމުކޮށްފައިވާ ވެރިކަން ގަބޫލުކުރުމަށް އެމެރިކާއިން ފަސްޖެހޭނަމަ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ އެކަމުގެ އަސަރު ސަރަހައްދަށާއި ދުނިޔެއަށް ކުރާނެ ކަމަށެވެ.