ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ފޮޅެން ހުރި މަލެއް ފޮޅި އެމަލެއްގެ ވަގުތު ހަމަވުމުން އެމަލެއް މޯޅިވެ ގަސްދަށަށް ވެއްޓިގެންނެވެ. ކޮންމެ އެއްޗެއްގެވެސް އަޖަލު ހަމަވުމުން އެއެއްޗެއް ނެތި ދިއުމަކީ ދުނިޔޭގެ އާދައެވެ. މިއީ އިލާހީ ޤާނޫނެވެ. ތަދުބީރު ކިތައްމެ މޮޅަށް ކުރަހާ ރޭވި ނަމަވެސް ތަޤްދީރަކަށް ބަދަލެއް ގެނެވޭނެ ހަމަ އެކަކުވެސް މިއުޑު ބަޅުކުރި ހިސާބަކު އުފެދިފައެއް ނެތެވެ.
ދާދި މިދާކަށް ދުވަހާ ހަމައަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ފެނިގެން ދިޔައީ ހައިބަތު ބޮޑު ތަނެއްގެ ގޮތުގައެވެ. ފަތުއަޑުކިޔާފައި ދައްކަމުން ދިޔައީ އެމަޖިލީހުގެ މެންބަރުންގެ ވާހަކައެވެ. އެ މެންބަރުންގެ ފާޓު ފުޅާ ވާހަކައެވެ. އަގުބޮޑު ބައެއްގެ ގޮތުގައެވެ. ޤައުމުގައި ހިނގާ ހުރިހާ ކަމެއްގެ އާރުކާޓީގެ ގޮތުގައެވެ. ގައުމު ހިނގަން ޖެހޭނެ ގޮތާއި ކުރަންވީ ކަންތައްތައް ކަނޑައަޅާ ތަނުގެ ގޮތުގައެވެ. ގައުމުގައި ބަހެއް ކިޔާނެ ތަނަކަށް މީހަކު ލުމާއި އެމީހަކު ބޭރުކުރުމުގެ މައި މުގޫ އޮތް މީހުންގެ ގޮތުގައެވެ. އަނގަ ވާޅު ކުރާކަށް ހާސަރުތަކެއް ދަމާނެ ކަމެއް ނެތެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ކުޑަވެގެންވިއަސް އަދި ބޮޑުވެގެންވެސް މިޤައުމުގައި ކަމެއް ހިނގާނީ އެމަޖިލީހުން ބޭނުންހާ ގޮތަކަށެވެ. އެމަޖިލީހުން ހިތާވާ ގަޔާވާ ގޮތަކަށެވެ.
ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އުފެދުނު ކޯލިޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނީ ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމަށެވެ. މާގިނަ ދުވަހެއް ނުވެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރުކޮށްލުމަށް ފަހު އެ ޕާޓީގެ މެންބަރުން ކޮޅުވެސް ގެނެސް ވެއްދީ ހަމަ އެޕާޓީ އަށެވެ. ނަތީޖާއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ކޮންޓްރޯލް އޮތީ ހިތަކަށް ލިބިދީފައެވެ. މާވަޑިއާ ބޭނުން ގޮތަކަށް ކަނދުގަނޑު ދީފައި އޮންނަހެން މަޖިލިސް އޮތީ ރައީސް ޔާމީން ބޭނުންވާ ގޮތަކަށް ކުޅެލަން ގެންގުޅޭ ރާޒުވާ ކުޅިބައެއްގެ ގޮތުގައެވެ. އޭގެ ބޭނުން ހިއްޕަވާ ރައީސުލްޖުމްހޫރިއްޔާ އެ މަޖިލިސް ބޭނުން ކުރެއްވީ ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ކޮންމެ ކަމެއްގައި ޤާނޫނީ ސިއްކަ ޖަހާލަ ދޭ ރަބަރު ތައްގަނޑެއްގެ ގޮތުގައެވެ.
މަޖިލީހުން އެލިބުނު ބާރާއެކު ހިތުހުރި ގޮތަކަށް ފައިސާއާ ކުޅެވޭނޭހެން މާލިއްޔަތު ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައީއެވެ. އެކަން ކަމަށް ބަހެއް ބުނާން ތިބި މުއައްސަސާތަކުގެ މީހުން އަމިއްލަ ޕާޓީން ހަމަޖައްސާ ޗެކް އެންޑް ބެލެންސް އެކައްޗަކަށް ހަދާލީއެވެ. ޝެޒް ޤާނޫނެއް ހަދައިގެން ދިވެހިންގެ ބިންތަކަށް ދިވެހިންގެ ބާރު ނުހިނގާހާ ބޮޑެތި ބާރުތަކެއް ދިނީއެވެ. އެވަރުން ވެސް ނުވެގެން ދިވެހިންގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭނެ ގޮތްވެސް ހެދީއެވެ. ދައުލަތުގެ ފައިސާ ބޭނުން ކުރާ ގޮތާމެދު އެއްޗެއް ބުނީތީ އެހެން ބުނަން ހުރި އޮޑިޓަރ ޖެނެރަލް ބޭރުކޮށްލީއެވެ. ޤާނޫނަށް ގެނައި ކުޑަކުޑަ ބަދަލަކާއެކު އުއްތަމަ ފަނޑިޔާރު ބޭރުކޮށް ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލައިގެން ފައްސިޔައަށް ޖުޑިޝަރީވެސް އަނބުރާލީއެވެ. ކަމަކުން ކަމަކާ ނުލައި ފުރަތަމަ ނައިބު ރައީސް ބޭރުކޮށް ކުޑަކުޑަކުއްޖަކަށް ނައިބު ރައީސްކަން ދިނުމަށްޓަކައި ޤާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ތާއީދު ބޮޑު ވާދަވެރިއަކު ވެރިކަމަށް އަންނަން އުޅެފާނެތީ ވެރިކަމަށް ކުރިމަތިލެވޭ މުއްދަތުވެސް ކުޑަކޮށްލީއެވެ. ބޭނުންވާ މީހުންނަށް ދައުވާ ކުރެވި މާސިންގާހާ ހުކުމްތަކެއް ކުރެވި ޖަލުގެ ކުޑަގޮޅިތެރެއަށް ލެވުނީމާ ޅަ ބުޅާގަނޑެއްހެން ނަގާ ޕްރޮސެކިއުޓަރ ޖެނެރަލްވެސް ހޫރާލީއެވެ. އަމުދުން ބަހެއްވެސް ނުބުނެވޭ ގޮތް ހަދާ މިހުރިހާ ކަމެއް ފަހިކޮށްދިން އެވެރިންގެ ދީބުގެ އަދީބުވެސް ގެންގޮސް ބިންގަރާސް ތެރޭގައި ފޮރުވީއެވެ. އިސާހިތަކު ހިތުހުރި ގޮތަކަށް ވެރިކަން ކުރެވޭނެ ގޮތް ހެދިއެވެ. ހުރިހާކަމެއްގެ ނަމުގައި ޤާނޫނީ ކުލަޖައްސައިގެން ކުރާންފެށި ވެރިކަމަށް ސުއްބުވެސް ނުބުނެވޭވަރަށް ރައްޔިތުން ނިކަމެތިކޮށް ގާތްގަނޑަކަށް ރައްޔިތުން އަނދަގޮނޑި ޖަހާލީއެވެ.
މިހުރިހާ ކަމެއް ކޮށްދިނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެމެންބަރުން އެކަން ކުރުމުގައި އުޅުނީ ނުހަނު ފޯރީގައެވެ. ފަހަރެއްގައިވެސް ކުރިން އަދީބު ދިން ފައިސާ އެހެން ގޮތަކަށް ރައީސް ޔާމީން ދެއްވައިގެން އެކަންޏެއް ނޫނެވެ. ކިތައްމެ ތުހުމަތެއް ކުރެވުނަސް ސަރުކާރުގެ މުއްފަތުން ކުރެވޭ ވިޔަފާރިތަކުގެ ބައި އެޅިގެންނޭ ބުނާކަށްވެސް ނެތީމެވެ. ބްރޯ އަތުން ލިބުނު އެހީތެރިކަމަށްފަހު ގޮވައިގެންދިޔަ ބޮމުގެ ބިރުވެރިކަން ދައްކައިގެން ކަރުގައި ޖެހި ވާގަނޑެއްހެން ކުޑަކަކޫ ޖައްސައިގެންނޭވެސް އަމުދަކުން މަށެއް ނުބުނާނަމެވެ. ރައްޔިތުންގެ ހައްޤުގައި ކަންކުރާން ހުވާކުރެއްވި މެންބަރުން ވަކިމީހަކަށް ހެއްލިގެން ދިޔަގޮތް އެނގިވަޑައިގަންނަވާނީ އެމެންބަރަށާ ހަމަ ހެއްދެވި ފަަރާތަށެވެ. އެކަމަކު ކޮންމެ މީހަކަށްވެސް އެނގޭކަމެއް އެބައޮތެވެ. އަތް އުފުލި މަޖިލީހަށް އެމަޖިލިސް ބަދަލުވެގެން ދިއަ ކަމެވެ. ޔެސް ސަރ ނޫނީ ބައެއް މެންބަރުންގެ ފުށުން ނުފެންނަ ކަމެވެ. އެޅިހާ ބަތަކަށް ރިހައޭ ހަކުރު ދެންޏާ ބޮޑުބޭބެއޭ ބުނާ ބީދައިން ސަރުކާރުން ގެނައްޔާ ގެނައިހާގޮތަކަށް އެމެންބަރުން ވަރިހަމައެވެ. ބޮޑެތި ސިންގާހާ ބިލްތައް ފާސްކުރުމަށް ކުޑަކުޑަ ހިނދުކޮޅެއްވެސް ނުނަގައެވެ. ޤާނޫން އަސާސީއަށް ބަދަލު ގެނައުމަށް 24 ގަޑިއިރުވެސް ހޭދަ ނުވެއެވެ. ބޭނުންވީމާ ބޭނުންހާ ކަމެއް ނިންމާލާފައި ނޫނީ އެއިން މެންބަރަކު މަޖިލީހުގެ ހަތުރުފާރުން ބޭރުވެސް ނުވެއެވެ. ސަރުކާރުން ގެންނަހާ ކަންކަން އެބޭފުޅުން އުޅުއްވީކީ އަމަށަކު ވަރަކަށް ނޫނެވެ.
އެގޮތުގައި އުޅުއްވިއިރު މެންބަރުން ހޮވައިދިން މީހުންނާ ދާއިރާގެ މީހުން ދިޔައީ ލައްކަ ލައުނެއް ދެމުންނެވެ. އިވޭހާވަރަށް ކުސަވެސް ދަމަމުންނެވެ. އަދިވެސް ތިމަންމެން ގާތަަށް އަންނަން ޖެހޭނެޔޭ އެންމެ ފަހަރަކުވެސް އަހަރެމެންގެ ހައްޤަށް ބަލާލަބަލާށޭ ބުނެ އާދޭސް ކުރަމުންނެވެ. މާޒީން އިބުރަތް ހާސިލް ކުރުމަށާއި ތިޔައީ ވަގުތީ ކަމެކޭ ބުނެ ނަސޭހަތް ދެމުންވެސް ގެންދިޔައެވެ. ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާނުގެ އިތުރުން ޖޭޕީ ލީޑަރ ޤާސިމާއި އެންމެ ގާތްކޮށް ގެންގުޅުއްވި އަހުމަދު ނާޒިމްގެ އިތުރުން ބޭނުންވާހާ ދައުވާއެއް ކޮށްދިން މުހުތާޒް މުހްސިނާ އަދި އަމުދުން ވެރިކަމަށް ގެނެސްދިން ތުއްތޮންބެއަށް ވީގޮތް ދިޔައީ ހަނދާންކޮށްދެމުންނެވެ. އެމީހުންގެ ބޭނުން ކެނޑުނީމާ ގާތުން އެމީހުން ފެންނަން ނެތްކަން ދިޔައީ ބުނަމުންނެވެ.
ކަމަކުދާކަށް ނެތެވެ. މިފަހަރުވެސް ތަފާތެއް ނުވިއެވެ. ސަރުކާރަށް މަޖިލީހުގެ ބޭނުން ކެނޑިއްޖެއެވެ. ރައްޔިތުންގެ މަޖިލީސް ވަރެއް ނެތިގެން އުޅުއްވި ރައީސަށް މިވަގުތު މަޖިލީސް ބޭނުމެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ހަމަވެއްޖެއޭ ބުނާ ބުނުން ހަޤީގަތަކަށް ވެއްޖެހެން ހީވުމާއެކު މަޖިލިސް ދޫކޮށްލައިފިއެވެ. ސުޕްރީމް ކޯޓަށް ވަޑައިގެން މަޖިލީހުގެ ނިންމުންތަކަށް އެތަނުން ފަހުބަސް ބުނާ ގޮތް ހަދާ ނިމިއްޖެއެވެ. ދެނެއްވާ މަޖިލީހެއްނެތެވެ. ބަސްބުނާން ގެންގުޅުނު މެންބަރުންނަކާ މެންބަރުންނެކެވެ. އެމެންބަރުންގެ ބާރާއެކު ކުރެއްވި ކަންކަމުގެ އަގު ތެޔޮ ހަމަކުން ނިމުނީއެވެ. އެކަމަކު ހިތްދަތި ގޮތަކަށެވެ.ކަންކުރެވުނު ގޮތުން ރައްޔިތުން ނޫނެކޭވެސް ބުނެފައި އޮއްވައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އެދެއްކީ އެޙަޤީގަތެވެ. މަޖިލީހުގައި ޕީޕީއެމުން ނަގާކިޔާ އުޅުނު މެންބަރުންގެ ދާއިރާތަކުން ބޮޑުތަނުން ސަރުކާރަށް ލިބުނީ ނޯއެވެ.
ކޮންމެއަކަސް ކެޔޮގަނޑު ކަނޑާލީމާ މިފަހަރުވެސް ގަހުގެ ބޭނުން ކެނޑުނީއެވެ. ކަންވެފައި އޮތްގޮތުން މެންބަރުންނަށް މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި އަދި ކޮށި ދަނޑުވެސް ގެއްލުމާ ގާތައް ދިޔައީއެވެ.