3 ނޮވެމްބަރުގައި ރާއްޖެއަށް ބަޔަކު އެރިގޮތަށް މިއަދު "ސަޕްރައިޒެއްހެން" އެރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވެސް ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާފައެވެ. އެ ދުވަހުގެ ތަރުޖިބާ ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އޭރު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި ތަމަޅައިންތަކެއް ރާއްޖެ ހިފަން އުޅޭ ކަމުގެ ވާހަކަތައް ފޯނު ކޯލަކުން އެނގިވަޑައިގަތް ކަމަށާއި، އަދި ފަހުން ޓީވީން ވެސް އެ ވާހަކަތައް ފެންނަަމުންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއަދު އެހާރާ އަޅާބަލާއިރު ނުރައްކަލުގެ މާހައުލު ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 10 ތަނެއްގައި ރާޑަރުތައް މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެއަށް ވަދެވެން ހުރި މައި ކަނޑުއޮޅިތައް ބަލަހައްޓަމުން ގެންދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު މެރިޓައިމް ސެންޓަރުގައި ރާއްޖޭގެ ކޯސްޓްގާޑުގެ ބޭފުޅަކު ވެސް ހުންނަވާ ކަމަށާއި، ކަނޑުގެ ސަރަޙައްދު ބަލައި މޮނިޓަރ ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ 3 ނޮވެމްބަރުގައި ރާއްޖެއަށް ބަޔަކު އެރިގޮތަށް މިއަދު "ސަޕްރައިޒެއްހެން" އެރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން، 3 އޭރިއާ ކޮމާންޑެއް އަސްކަރިއްޔާގައި އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެއް ސަރަޙައްދަށް ދިމާވާ ކަމަކަށް ހުރިހާ ސަރަޙައްދަކުން ވެސް އެހީ ފޯރުވެވޭނެ ނިޒާމު ޤާއިމުކޮށް، ފައުޖުތައް ރުކުރުވާލާފައިވާނެކަމަށެވެ. އެގޮތުން ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް ބެލެހެއްޓޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވަކިން ޚާއްސަކޮށް، ޓެރަރިޒަމާ ގުޅޭ ކުށްތަކަށް ވަކި ބަޔަކު ތަމްރީނު ވެސް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ވެސް 300ށް ވުރެ ގިނަ ކޯސްޓްގާރޑު އޮފިސަރުން ތަމްރީނު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަސްކަަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަފާތު އެކި ޓްރެއިނިންގތައް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.