ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމަށް އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.
ޓޮޓެންހަމުގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ހަތަރު މަހަށްފަހު ޕޯޗުގަލުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމުންނެވެ. ޓޮޓެންހަމުގެ ކޯޗުގެ މަގާމާ އުމުރުން 47 އަހަރުގެ ނޫނޯ ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކުރިތާ 73 ދުވަސް ފަހުންނެވެ. މޮރީނިއޯ ވަކިކުރުމަށް ފަހު މިދިޔަ ސީޒަނުގެ ފަހު ބައިގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ޓީމުގެ ކޯޗު ރަޔާން މޭސަންއެވެ.
ނޫނޯ މަގާމުން ވަކިކުރިތާ ދުވަހެއް ފަހުން ޓޮޓެންހަމުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 52 އަހަރުގެ ކޮންޓޭ ހަމަޖެއްސިކަން އިއުލާންކޮށްފައެވެ. އަންގާރަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުގެ އެއްބަސްވުމުގައި ކޮންޓޭ ސޮއިކުރިއިރު، އޭނާ ވަނީ އެ ޓީމާއެކު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން ޓޮޓެންހަމުން ބޭނުންނަމަ ކޮންޓޭ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.
މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ކޮންޓޭ ޓޮޓެންހަމާ ހަވާލުވިއިރު، ޓޮޓެންހަމަކީ ކޮންޓޭގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވި ލަންޑަނުގެ ދެވަނަ ކުލަބެވެ. އެގޮތުން މީގެ ކުރިން ކޮންޓޭ ވަނީ ޓޮޓެންހަމާ ވާދަވެރި ޗެލްސީއަށް ކޯޗުކަންކޮށްދީ، އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.
ޓޮޓެންހަމާ ހަވާލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ ޕްރިމިއާ ލީގަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އަލުން އެ ލީގުގައި މަސައްކަތް ފަށައި، ވަރުގަދަ ޓީމެއްގެ ގޮތުގައި ޓޮޓެންހަމް ސަޕޯޓަރުން ބޭނުންވާ މިސްރާބަށް ގެންދިއުމުގެ ޒިންމާއާ ހަވާލުވީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށްވެސް ވަނީ ބުނެފައެވެ.
ޓޮޓެންހަމާ ކޮންޓޭ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަވަނައިގައި ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ.