ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 21:08
ރައީސް ޓްރަމްޕް ގަރާރެއްގައި ސޮއިކުރައްވަނީ
ރައީސް ޓްރަމްޕް ގަރާރެއްގައި ސޮއިކުރައްވަނީ
ގޫގުލް
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
އެންމެ ބޮޑަށް ފާޑުވިދާޅުވީ އީރާނަށް
ހަތިޔާރު ވިއްކުމާ ބެހޭގޮތުން މި ދަތުރުގައި ވެވުނު އެއްބަސްވުންތަކުގެ އަގު 110 ބިލިއަން އެމެރިކާ ޑޮލަރަށްއަރާ
ފުރަތަމަ ދުވަހު ދެ ޤައުމުގެ ދެމެދުގައި 280 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އެއްބަސްވުންތަކުގައި ސޮއިކުރެއްވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ މުސްލިމުންނާ މެދު ނަފްރަތުގެ ވާހަކަތައް ދައްކަވަމުންނެވެ. އަދި ވެރިކަމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުއްދެވި އެއް ވައުދަކީ ވެސް އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރައްވާނެ ކަމަށް ވެ ވަޑައިގެންނެވި ވައުދުފުޅެވެ.

މުސްލިމުންނާ ދެކޮޅު، އެކަމަކު ފުރަތަމަ ދަތުރު ސައުދީއަށް؟

މުސްލިމް އުއްމަތުގެ ނަމޫ ނާ އަދި މުސްލިމް ގައުމުތަކުގެ ލީޑަރުގެ ގޮތުގައި ބަލާ ސައުދީ އަރަބިއްޔާއަށް ޓްރަމްޕް ވަޑައިގަތުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ސުވާލު ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ރައީސް ޓްރަމްޕްގެ ދަތުރުފުޅުގެ އެޖެންޑާ ލިބުމުން އަދި އޭގެ ފަހުން ސައުދީ އަށް ކުރެއްވި ޒިޔާރަތް ނިންމާލުމުން ދިރާސާ ކުރާ ފަރާތްތަކަށް ސުވާލުތަކުގެ ޖަވާބު ފަސޭހަވެގެންދިއައެވެ.

އަލްޖަޒީރާގައި ވާހަކަދެއްކެވި އެނަލިސްޓަކު ވިދާޅުވީ މި ދަތުރުފުޅުގެ ފަހަތުގައިވާ ބައެއް ކަންކަމުގެ ވާހަކަ އަދި މީޑިއާއިން ނުދައްކާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ މި ދަތުރުން އެމެރިކާއަށް އޮތް މާލީ ފައިދާތަކުގެ ވާހަކައެވެ.

ދަތުރުފުޅުގެ ފުރަތަމަ ދުވަހު ދެ ޤައުމުގެ ދެމެދުގައި 280 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދިއައެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީއާއެކު ވެފައިވާ އެއްބަސްވުންތަކުން ދެ ގައުމަށް ފައިދާވާނެ ކަމަށް ދެ ގައުމުންވެސް ދެކެމުންދާއިރު ބައެއް އެއްބަސްވުންތަކަކީ އެމެރިކާއަށް ފައިދާ ބޮޑު އެއްބަސްވުންތަކެވެ. އެފަދަ ބައެއް ކަންކަމުގެ ތެރޭގައި ރޭތިއޯން ކުންފުނީގެ ގަލްފް ގޮފިން ސައުދީގައި އެއާ ޑިފެންސް ސިސްޓަމާއި، ޒަމާނީ ހަތިޔާރު އުފެއްދުމުގެ އެއްބަސްވުމާއި، މަތިންދާ ބޯޓު ގަތުމަށް ސައުދީ އެއާލައިންސް އާއި ބޯއިންގއާ ދެމެދު ވެވުނު އެއްބަސްވުން ފަދަ އެއްބަސްވުމުގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުންތައް ހިމެނެއެވެ. ސައުދީއަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން މި ދަތުރުގައި ވެވުނު އެއްބަސްވުންތަކުގެ އަގު 110 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މީގެ އިތުރުން ތެލުގެ އެކި އެކި އެއްބަސްވުންތައް ވެފައިވާއިރު ސައުދީ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމަކީ، އެމެރިކާގެ އެންމެ ބޮޑު އެސެޓް މެނޭޖްމަންޓް ކުންފުނި، ބްލެކްސްޓޯން އާއި ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާ ދެމެދު ވެފައިވާ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ އަގު ކުރިއަށް އޮތް 10 އަހަރު ތެރޭގައި 350 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"

ވެރިކަމަށް ވަޑައިގެންނެވިތާ ހަތް ދުވަހުގެ ތެރޭގައި  މުސްލިމުން އެމެރިކާއަށް އެރުން މަނާކުރެއްވުމުގެ އަމުރު ނެރުއްވި ޓްރަމްޕް އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ތަޤުރީރު ކުރައްވާފައިވަނީ" ހައްދު ފަހަނައެޅުމާ" ބެހޭ ގޮތުންނެވެ.

 ސަމިޓްގައި ޓްރަމްޕް ދެއްވި ތަގުރީރުގައި ވަނީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ގޮވާލައްވާފައެވެ. ސައުދީއަށް ތައުރީފްގެ ބަސްތައް އޮއްސެވި ސައުދީއާ ވާދަވެރި އީރާނަށް ވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ. ޓްރަމްޕްވަނީ ސަރައްހައްދުގެ ހަމަނުޖެހުންތަކުގެ ތުހުމަތު ސައުދީއާ ވާދަވެރި އީރާނުގެ މައްޗަށް ކުރައްވާފައެވެ.އަދި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ޖަރީމާތަކަށް އިރާނުން ވާގިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.

އަރަބި އިސްލާމީ 55 ގައުމެއްގެ ލީޑަރުން އެއްކުރައްވައިގެން ސައުދީގައި ދެއްވި ތަގުރީރު ފާހަގަކުރެވިގެންދިޔައީ ކެމްޕެއިން ދުވަސްވަރު މުސްލިމުންނަށް އިހާނެތި ބަސްތަކެއް ވިދާޅުވެ މުސްލިމް ގައުމުތަކުންލިބިފައިވާ ނަފްރަތު ކަނޑުވާލުމަށްދެއްވި ތަގުރީރެއް ގޮތުގައެވެ. ނަމަވެސް މި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެތަނަށް ވަޑައިގެން ހުންނެވީ އެމެރިކާގެ ދިރިއުޅުމުގެ އުސޫލުތައް ތަންފީޒުކުރުމަށް ލެކްޗަރުދެއްވަން ނޫން ކަމަށާއި"މިއީ އާ ބާބެއް"ކަމަށެވެ.

ޖުމްލަ ނަތީޖާ

އަރަބް އިސްލާމިކް އެމެރިކަން ސަމިޓުން މުސްލިމް ގައުމުތަކުގެ ރުހުން ހޯއްދެވި އަދި ސައުދީގެ ދަތުރުފުޅުން މާލީ މަންފާތައް އެމެރިކާއަށް ހޯދި އިސްރާއީލަށް ކުރެއްވި ޒިޔާރަތުން، އިސްރާއީލުގެ ރުހުން ލިބި ފަލަސްތީނަށް ކުރެއްވި ޒިޔާރަތުން އެ ގައުމުގެ ރުހުން ވެސް ލިބިވަޑައިގެންފި ނަމަ ޓްރަމްޕްގެ ދަތުރުފުޅުގެ މަގުސަދުތައް ރަނގަޅަށް ވެސް ހާސިލްވީއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް