ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 19:11
ހައި ކޯޓް
ހައި ކޯޓް
ގޫގުލް
ހުކުމް ތަންފީޒުކުރުން ފަސްކުރުން
އަމުރެއް ނެރެން އެދިއްޖެނަމަ ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭ ގޮތަށް ހައިކޯޓުން ނިންމައިފި
މި މައްސަލައަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި މިއަހަރުގެ 15 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުމެއް

އަމުރެއް ނެރެން އެދިއްޖެނަމަ ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭ ގޮތަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 8 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރަކު ވަނީ މިގޮތަށް ފާސްކުރަން ނިންމާފައެވެ. މި ގޮތަށް ފާސްކުރަން ފެންނަ ކަމަށް ނިންމީ އިސްފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއާއި، ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު ހުސައިން ޝަހީދުއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ; އިސްތިއުނާފަށް ބަލައިގަނެފައިވާ މަދަނީ މައްސަލައެއްގެ ތެރެއިން ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ޙާލަތުގައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފުކޮށްފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުގެ 2021 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވާތީ، އެކަން އަންގާ ކަމަށެވެ.

ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމާއި ގުޅޭ މައްސަލައަކީ, މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި މިއަހަރުގެ 15 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުމެކެވެ.

- ކޮމެންޓް