ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 18:28
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
ރާއްޖެއެމްވީ
ލޯކަލް މާރުކޭޓުގެ އަގުތައް
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
ިގިނަ ތަކެތި އަތޮޅުތަކުން މާރުކޭޓަށް އަންނަނީ ގެންނަމުން
ކަރާގެ އަގު އުޅެނީ 15 ރުފިޔާ އާއި 18 ރުފިޔާ އާއި ދެމެދުގައި

ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައިވާ އިރު ލޯކަލް މާރުކޭޓް ސަރަހައްދު ވަނީ ހަލަބޮލިވާން ފަށާފައެވެ.  މިދުވަސްވަރާ ދިމާކޮށް އަތޮޅުތަކުން ތާފާތު ބާވްތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާރު ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެންނަ ބޮޑުތި ބޯޓުފަހަރު ވަނީ މާރުކޭޓު ސަރަހައްދުގެ ބަނދަރު ފުރާލާފަ އެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ރަށްރަށުން ތަކެތި ގެންނަ އިރު ހުކުރު ދުވަހު ގިނަ އަދަދެއްގެ ތަކެތި ގެނެސް ގޮޅިތަށް ފުރާލެވޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ރަމަޟާން މަހު ކަރައަކީ ވެސް ގިނަ ބަޔަކު ބޭނުން ކުރާ ބާވަތަކަށް ވުމުން ކަރާގެ އަގު ކޮންމެ ރޯދަމަހަކު ވެސް ބޮޑުވެގެންދެވެ. އެހެން ނަމަވެސް މިފަހަރު ވިޔަފާރިވެރިން ބުނަނީ ކަރާގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

ބައެއް ވިޔަފާރިވެރިން ވަނީ އަގުތަކަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފަ އެވެ. ރަމަޟާން މަހާ ދިމާކޮށް، މިރުހާއި ދޮންކެޔޮގެ އަގު ބޮޑުވެގެންދާނެ ކަމަށް ގިނަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ކަރާގެ އަގަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް ވިޔަފާރިވެރިން ބުނަމުންދާ އިރު ބަދަލެއް އަޔަސް އަންނާނީ ފަސް ވަރަކަށް ރުފިޔާގެ އިތުރުވުމެއް ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުންވަނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ ވަރަށް މާރުކޭޓުން ކަރާ ލިބެން ހުންނާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް މާލޭ މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަ އއ. ތޮއްޑޫގެ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކޮންމެވެސް ވަރަކަށް ކަރާގެ އަގަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލުކުރާ ފަރާތްތައް ވެސް އެބަ ތިއްބެވެ. 

 ރަމަޟާން މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލެނީ، ތަކެތި ހޯދުމަށް ކުރިމަތިވާ އުނދަގޫތަކާއި ރަމަޟާން މަހު އޮންނަ ޑިމާންޑުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 80ރ. އަށެވެ. ދޮންކެޔޮގެ އަގު އުޅެނީ، 2ރ. އާއި 8ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް އުޅެނީ 20ރ. އަށެވެ. ބައެއް ފަރާތްތަކުން ފަޅޮލެއް 5ރ. އަށް ވެސް އަންނަނީ ވިއްކަމުންނެވެ. ކަރާގެ އަގު މިހާރު އުޅެނީ ކިލޯއެއް 15ރ. އާއި 18ރ. އާދެމެދުމުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި ކިއުކަމްބާ އުޅެނީ، ކިލޯއެއް 40ރ. އަށެވެ. ލުނބޯގެ އަގު ކިލޯއެއް 40ރ. އަށް ބޮޑުވި އިރު، ކާށި އުޅެނީ، 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން އަލަނާސި ގަނޑެއްގެ އަގު އުޅެނީ 20ރ. އާއި 30ރ. އާ ދެމެދުގައެވެ.

ރަމަޟާން މަހާ ދިމާކޮށް ގިނަ އަދަދެއްގެ ތަކެތި ވިޔަފާރިވެރިން ޖަމާކުރަމުންދާ އިރު، ހިތްތަލަފުށާއި ބިންބި ފުށުގެ އިތުރުން ކަނަމަދު ވެސް ވިޔަފާރިވެރިން އަންނަނީ ގެންނަމުންނެވެ.

މި ފަހަރުގެ ރޯދަ މަހު އެންމެ ތާށިވާނެ ކަމަށް ބެލެވެނީ ކާއްޓެވެ. މީގެ ދުވަސްކޮޅެއް ކުރިން ކާއްޓެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް ދިޔަ އިރު ބާޒާރުގައި އަދިވެސް އާދައިގެ ކާއްޓެއްގެ އަގު އުލެނީ 20ރ. އިން މަތީގައެވެ. 

ފުވައްމުލަކުންނާއި، އއ. ތޮއްޑޫގެ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުން ވެސް ގިނަ ތަކެތި މިފަހަރުގެ ރަމަޟާން މަހަށް ގެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް