2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1565.4 މިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
2019 އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިޞާޞްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ.
އަދި މި އަދަދު މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ. 2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1565.4 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދެދެކެވެ.
އަދި މެދުރާސްތާގައި ވެސް މި އަދަދު އިތުރުވަމުންދާނެކަމަށް ލަފާކުރެވެއެވެ. ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ ދައުލަތުގެ އާމްދަނީ ރަނގަޅުވާ މިންވަރަކުން ކައުންސިލްތަކަށް ދޭ އެހީގެ މިންވަރު އިތުރުވަމުންދާނެއެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓް ގޮތުގައި ޖުމުލަ ދޫކުރާ އަދަދަކީ އެ އަހަރަށް ފާސްކުރާ ބަޖެޓުގައި އާމްދަނީ ގޮތުގައި ކަނޑައަޅާ އަދަދުގެ 5 އިންސައްތަ (854.9މިލިއަން ރުފިޔާ) ކައުންސިލްތަކުގެ އިހުތިޞްޞްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 އިންސައްތަ (710.5 މިލިއަން ރުފިޔާ) އެވެ.
ބްލޮކް ގްރާންޓް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާ ނިސްބަތަކީ، ރަށު ކައުންސިލްތަކަށް 72 އިންސައްތަ، އަތޮޅު ކައުންސިލްތަކަށް 9 އިންސައްތަ އަދި ސިޓީ ކައުންސިލްތަކަށް 19 އިންސައްތައެވެ.
މި އަދަދު ވަކިވަކި ކައުންސިލްތަކަށް ބަހާއިރު ދެގޮތަކަށް ފައިސާ ބެހިގެންދެއެވެ. އެއީ އިކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައި ދޭ އަދަދާއި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ އަދަދެވެ. އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެންނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.