ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 22:47
ޖީ20 ސަމިޓް ނިންމުމުގެ ރަސްމިއްޔާތު
ޖީ20 ސަމިޓް ނިންމުމުގެ ރަސްމިއްޔާތު
ސްކައި ނިއުސް
ޖީ20ގެ ލީޑަރުންގެ ނިންމުންތައް
ޖީ20 ގައުމުތަކުގެ ލީޑަރުން، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެއްބަސްވެވަޑައިގެންފި
މޫސުމީ ބަދަލުތަކަށް ހައްލު ގެނައުމަށް ކުރާނެ، އެކަށީގެންވާ މަސައްކަތްތަކަކާމެދު ލީޑަރުންނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނުވޭ
ޖީ20ގެ ލީޑަރުން ވަނީ ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ މަޝްރޫޢުތަކަށް ފަންޑުދިނުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައި
އަމިއްލަ ގައުމުތަކުގައި ކޯލް އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލާނެ ތާރީޚެއް ކަނޑައެއްނާޅާ

ޖީ20ގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓް ނިންމަވާލައްވަމުން, ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އެކަށީގެންވާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފިއެވެ.

އެހެންނަމަވެސް މޫސުމީ ބަދަލުތަކަށް ހައްލު ގެނައުމަށް ކުރާނެ އެކަށީގެންވާ މަސައްކަތްތަކަކާމެދު ލީޑަރުންނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނުވެއެވެ. އިޓަލީގެ ރޯމުގައި ކުރިޔަށްދިޔަ ޖީ20ގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓް ކޮޕް26ށް ނިންމާލާފައިވާއިރު ޖީ20 ސަމިޓުން މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ހަރުދަނާ ނިންމުންތަކެއް ނިންމާފައިނުވާތީ އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އުންމީދުކުރެއްވި ގޮތަށް ކަންކަން ނުވާކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދު ހިއްސާކުރާ 20 ގައުމުގެ ލީޑަރުން ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އެއްބަސްވެވަޑައިގެން އެކަންކުރުމަށް ހަރުދަނާ އެކަށީގެންވާ ފިޔަވަޅުތަކެއް ހުރިހާ ގައުމަކުން އެޅުމަށް އެއްބަސްވާންޖެހޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަޅާނީ ކޮންކޮން ފިޔަވަޅުތަކެއްކަމެއް ހާމަކޮށްފައެއްނުވެއެވެ.

މިގަރުނުގެ މެދެއްހާ ހިސާބުގައި ނެޓްޒީރޯއަށް ވާން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވާންޖެހޭކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ސަމިޓް ނިންމާލުމުގެ ބަޔާނުގައި ކުރިން ފާހަގަކޮށްފައިވަނީ 2050 ވަނަ އަހަރު އަންނަންވާއިރު ނެޓް ޒީރޯގެ އަމާޒަށް ވާސިލުވުމަށެވެ. ނަމަވެސް ފަހުން އާންމުކޮށްފައިވާ ބަޔާނުގައި ތާރީޚެއް ހިމަނާފައެއްނުވެއެވެ.

މީގެއިތުރުން ޖީ20ގެ ލީޑަރުން ވަނީ، ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ މަޝްރޫޢުތަކަށް ފަންޑުދިނުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެގައުމުތަކުގައި ކުރިޔަށްދާ މިފަދަ މަޝްރޫޢުތައް ހުއްޓާލާނެ ވަކި ތާރީޚެއް ވަކި އަމާޒެއް ހާމަކޮށްފައިނުވެއެވެ.

އަމިއްލަ ގައުމުތަކުގައި ކޯލް އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލާނެ ތާރީޚެއް ކަނޑައެޅިފައި ނެތުމަކީ ޖީ20ގެ ލީޑަރުންގެ ފެއިލްވުމެކެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ; ދުނިޔެ މިދަނީ މޫސުމީ ގޮތުން ބޮޑު މުސީބާތަކަށް ދިމާލަށްކަމަށެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް އެއްބަސްވުމަކާ ހަމައަށް ނާދެވުނުނަމަވެސް ކޮޕް26ގައި އެކަންކަން ފުރިހަމަވާނެކަމަށް އުންމީދުކުރައްވާކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

ޖީ20ގެ ގައުމުތަކުގެ ލީޑަރުންނަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ވަކި ޓައިމްލައިނެއް އެކުލަވާލެވިފައި ނެތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް