ކ. މާލެ
|
30 އޮކްޓޯބަރ 2021 | ހޮނިހިރު 18:12
ސޯލާ ޕަވާ ސިސްޓަމްތަކެއް ހަރުކޮށްފައި،
ސޯލާ ޕަވާ ސިސްޓަމްތަކެއް ހަރުކޮށްފައި،
ރާއްޖެއެމްވީ
ކޮޕް26- އިޔާދަކުރަނިވި ހަކަތަ
ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތުގައި ރާއްޖެ!
 
އެސްޕަޔަރ ޕްރޮޖެކްޓް އަދި އެރައިސް ޕްރޮޖެކްޓް ފާހަގަކޮށްލެވޭ
 
2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަން، ނެޓް ޒީރޯއަށް ހެދުމަށް ވަނީ އަމާޒު ހިފާފައި
 
ފްލޯޓިންގ ސޯލާ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. ވަޔާއި، ކަނޑުގައި އުފެދޭ ރާޅާއި، އޮއިވަރާއި، ކަނޑުގެ އަޑިޔާއި މަތީފަށަލައިގެ ފިނިހޫނުމިން ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ވެސް ދެމެހެއްޓެނިވި ގޮތުގައި ކަރަންޓު އުފެއްދުމަށް ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވަސީލަތެކެވެ. ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ އެންމެ ފައިދާހުރިގޮތަކީ ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ބޭނުންކުރުން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށުން މިހާރު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިމަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެފައިވަނީ ހަކަތައިގެ ދާއިރާ ކުރިއެރުވުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށާއި، އިތުރަށް ފޯކަސް ކުރަން ޖެހޭ ދާއިރާތަކާއި ބެހޭ ގޮތުން ކަމާގުޅުންހުރި ފަރާތްތަކާއިއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސޯލާ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތްތަކާއެކު ބައެއް މައްސަލަތައް ކުރިމަތިވިއެވެ. އެކަމާއި ގުޅޭ ގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ ސޯލާ އިންސްޓޯލް ކުރާއިރުގައި ބިން ބޭނުންވާ ކަމަށާއި، ރާއްޖޭގެ ގިނަ ރަށްރަށުގައި އެކަންކަން ކުރެވޭނެ ބިން ނެތް ކަމަށެވެ. އެހެންކަމުން ފްލޯޓިން ސޯލާ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަން، ނެޓް ޒީރޯއަށް ހެދުމަށް ރާއްޖެއިން އަމާޒު ހިފާފައިވާތީ އެ ޓާގެޓަށް ދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އިންސްޓޯލް ކެޕޭސިޓީއަށް ބަލާއިރު ޕީކްގެ ވަގުތު އިޔާދަކުރަނިވި ހަކަތަ (ރިނިއުބަލް ސޯސް) ދެވެނީ ގާތްގަނޑަކަށް 12 އިންސައްތައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، (އޭޑީބީ)ގެ އެހީތެރިކަމާއެކު މުޅި ރާއްޖޭގެ ބޮޑު އިންސައްތައަކަށް ސޯލަރ އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ރަށްރަށުގައި ގާއިމް ކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، އައްޑޫ ސިޓީގައި އެއް މެގަވޯޓުގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމް ކުރެވި ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފާށާފައެވެ.

އައްޑޫ ސިޓީގައި ގާއިމްކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީގެ މަސައްކަތް،

2030 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެސްޕަޔަރ ޕްރޮޖެކްޓް އަދި އެރައިސް ޕްރޮޖެކްޓް ފާހަގަކޮށްލެއެވެ. އެގޮތުން މިހާތަނަށް އެސްޕަޔަރ ޕްރޮޖެކްޓް ފޭސް އެކެއް ގެ (ހުޅުމާލޭގައި 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ސޯލަރ ޕީވީ ހަރުކުރުން) މަސައްކަތް ނިމި އޭގެ ދަށުން މިހާރު ދަނީ ކަރަންޓު އުފައްދައި ސްޓެލްކޯއަށް ވިއްކަމުންނެވެ. ދެވަނަ ވަނަ ފިޔަވަހީގެ ސައިޓުގައި މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދެއެވެ. އަދި ތިން ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގެ ބިޑުތައް ހުޅުވާލާފައިވާއިރު، މި ބިޑުތައް ދިރާސާ ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

އެސްޕަޔަރ މަޝްރޫއު ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 11 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމުގެ މަސައްކަތް ކުރިއަށްދާ ގޮތް،

އެރައިސް ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، ސޯލާރ ޕީވީ ނިޒާމު ގާއިމުކުރުމުގެ ދެވަނަ ފިޔަވަހި އަަދި މަޝްރޫއުގެ ރަށްތަކުގައި ބެޓަރީ ނިޒާމް ގާއިމުކުރުމުގެ މަސައްކަތަށް ބިޑަރުން ޕްރީކޮލިފައި ކުރުމަށް ހުޅުވާލައި ބިޑަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އައްޑޫ ސިިޓީގައި ފްލޯޓިންގ ޕީވީ ނިޒާމު ގާއިމުކުރުމަށް ސައިޓް އެސެސްމަންޓް ހެދުމަށް ސަންޓްރޭސް (ވާރލްޑް ބޭންކުގެ ކޮންސަލްޓަންޓް) އާއި އެކު މަސައްކަތް ކުރިއަށް ދެއެވެ. އަދި މަޝްރޫއުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ޓްކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދެއެވެ.

އެރައިސް މަޝްރޫއުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 11 ނުވަތަ 14 މެގަވޮޓް ސޯލަރ ހަކަތައިގެ މަސައްކަތް،

މިފަދަ ގިނަ މަޝްރޫއުތައް ސަރުކާރުން ހިންގަމުންދަނީ ރައްޔިތުންގެ ކޮނޑަށް ލުއިކޮށްދިނުމުގެ މަގުސަދުގައެވެ. ތިމާ ދިރިއުޅޭ ވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށްޓަކައެވެ. ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ހަކަތަ ބޭނުން ކުރަން ޖެހިފައިވާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަށްވާއިރު، ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން އެބަޖެއެވެ. އެހެންކަމުން ސަރުކާރުން ކުރިއަށް ގެންދާ މިމަޝްރޫއުތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް