ކ. މާލެ
|
30 އޮކްޓޯބަރ 2021 | ހޮނިހިރު 15:27
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން
ގެޓީ އިމޭޖަސް
އެރިކްސަނަށް އިޓަލީގައި ނުކުޅެވުން
މި ސީޒަނުގެ އިޓާލިއަން ލީގުގައި އެރިކްސަނަށް ނުކުޅެވޭނެ
 
އެރިކްސަނަށް ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި
 
އެރިކްސަނުގެ ހިތަށް ވަނީ އައިސީޑީއެއް ލައްވާފައި

އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަނަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. ޑެންމާކުގެ ކޯޕަންހޭގަންގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނެޓުގެ ތެރެއިން އެރިކްސަން ހޭނެތިގެން ވެއްޓުމާއެކު ރެފުރީ ވަނީ ވަގުތުން މެޗު ހުއްޓާލައި، ސިއްހީ އެހީތެރިން ދަނޑަށް އަރުވާފައެވެ. އަދި އެތައް އިރެއް ވަންދެން އެރިކްސަނަށް ދަނޑުމަތީ ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެ ޑިވައިސްއަކީ ހިތުގެ ވިންދު ވަކި މިންވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސްއެކެވެ. އެގޮތުން ހިތުގެ ވިންދު މާ އަަވަސްވާނަމަ، އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެއެވެ.

އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދިއިރު، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓައިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަން އިޚުތިޔާރުކުރާ ގޮތަކަށް އޭނާގެ މުސްތަގުބަލާ ބެހޭ ނިންމުންތައް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް އިންޓައިން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕުގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. އެގޮތުން ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް މީގެ ކުރިން ވަނީ އައިސީޑީ ލައްވައިގެން އެ ލީގުގައި ކުޅެފައެވެ. އެރިކްސަންއަކީ މީގެ ކުރިން އަޔަކްސްއަށް ކުޅުނު ކުޅުންތެރިއެކެވެ.

މީގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާގައި މޮޅު ކުޅުމެއް ދެއްކި އެރިކްސަން އިންޓައަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު އިންޓައަށް ބަދަލުވެ އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
67%
0%
0%
33%
ކޮމެންޓް