އެތްލެޓިކޯ މެޑަށް ކުޅޭ ފްރާންސްގެ ތަރި އެންޓްއިން ގްރީޒްމަން އިނގިރޭސި ކްލަން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލު ވެދާނެ ކަމަށް ނުދެކޭ ކަމަށް އެޓްލެޓިކޯ މެޑްރިޑުގެ ރައީސް އެންރީކޭ ސެރެޒޯ ބުނެފިއެވެ.
ބޭރުގެ ކުޅިވަރު ޚަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ "ގޯލް ޑޮޓް ކޮމް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެންރީކޭ ސެރެޒް ބުނެފައި ވަނީ، ގްރީޒްމަން ޓީމު ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށާއި، އެއްވެސް އިރެއްގައި ކުލަބު ދޫކޮށްލާ ފަދަ އިޝާރާތެއް އަދި ގްރީޒްމަން ދީފައި ނުވާ ކަމަށެވެ.
ނަމަވެސް ދާދި ފަހުން ޓީވީ ޝޯއެއްގައި، ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ ސުވާލުކުރުމުން އޭނާ ވަނީ 10-6 އަށް ރޭޓްކޮށްފައެވެ. މިއީ އޭނާ ޓީމު ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ބުނި ފުރަތަމަ ފަހަރަށް ވާއިރު، އެޓްލެޓިކޯގެ ރައީސް އެންރީކޭ ސެރެޒޯ ވަނީ މިކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ބުނީ، ގްރީޒްމަން އަށް އަބަދުވެސް ކުރިމަތި ކުރުވަނީ އެއް ސުވާލެއް ކަމަށާއި، އެހެންކަމުން އެއް ސުވާލަކަށް އަބަދު އެއް ޖަވާބެއް ދޭން އޭނާ ބޭނުން ނުވަނީ ކަމަށެވެ. އަދި ގްރީޒްމަން ޝޯގައި ދިން ޖަވާބުން ސެރެޒޯ ހައިރާން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ސެރެޒޯ ބުނެފައި ވަނީ، އެއްވެސް ކުލަބަކުން އޭނާއަށް 100 މިލިއަން ޔޫރޯ ހުށައަޅާނެ ކަމަށް އޭނާ އުންމީދު ވެސް ނުކުރާނެ ކަމަށެވެ. އެގޮތުން އެޓްލެޓިކޯގައި ގްރީޒްމަން ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ 2 ނުވަތަ 3 އަހަރު އޮއްވާ، އަބަދު އޭނާއަށް އެއް ސުވާލެއް ކޮށް ކުލަބު ދޫކޮށްލާނެތޯ އެހުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ސެރެޒޯ ވަނީ ބުނެފައެވެ.
އިތުރަށް ވާހަކަ ދައްކަމުން ސެރެޒޯ ބުނީ އެއްވެސް ޓީމަކުން ގްރީޒްމަންގެ ރިލީޒްއަށް ވަކި އަގެއް ހުޝައަޅާފައި ނުވަތަ އެދިފައި ވެސް އަދި ނުވާ ކަމަށާއި، އެއްވެސް ކުލަބަކުން އަގެއް ހުށައަޅާނެ ކަމަކަށްވެސް ނުދެކޭ ކަމަށެވެ.
ގްރީޒްމަން އެޓްލެޓިކޯއާ އެކު ހަދާފައިފާ އެއްބަސްވުން ނިމޭނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން އޭނާ ހޯދުމަށް 100 މިލިއަން ޔޫރޯގެ އަގެއް ހުށައަޅަން ތައްޔާރަށް އޮތް ކަމަށް ބޭރުގެ ބޮޑެތި މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އަދި ގިނަ ފަރާޓްތަކުން ބުނަމުންދާ ގޮތުގައި އަންނަ ޖޫން މަހުގެ ޓްރާންސްފާގައި ޔުނައިޓޭޑްގެ މައި ޓާގެޓަކީ ގްރީޒްމަން ހޯދުމެވެ. ވީއިރު، ދާދި ފަހުން ގްރީޒްމަން ވަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.