ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފަހު މެޗުން ވަރުގަދަ ކުވެއިތު އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހުނީ ކުވެއިތުގެ އިތުރުން ސައުދީ އަރަބިއްޔާ އާއި، ބަހްރޭން އަދި ގަތަރާއެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނުއިރު، ކޮލިފައިންގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން ކުވެއިތު އަތުން ރާއްޖެ ބަލިވީ ފަސް ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ކުވެއިތުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 42 ލަނޑު ހެދި އަޙްމަދު ހަސަނާއި އަށް ބޯޅައިން 12 ލަނޑު ހަމަކުރި އުމަރު އާދަމެވެ.
ޖަވާބުގައި ކުވެއިތު ކުޅެން އަރައި ވަނީ 12 ވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 107 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މި ބައިގައި ކުވެއިތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ބޯޅައިން 58 ލަނޑު ހެދި އެޑްސަން ސިލްވާ އާއި 16 ބޯޅައިން 14 ލަނޑު ހަމަކުރި ކާޝިފް ޝަރީފެވެ.
މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެފައެވެ. އަދި ދެވަނަ މެޗުން ގަތަރު އަތުން 98 ލަނޑުން ބަލިވިއިރު، ތިންވަނަ މެޗުން ރާއްޖެ ބަލިވީ ބަހްރޭން އަތުން ހަތް ވިކެޓުންނެވެ.
މި ނަތީޖާތަކާއެކު ރާއްޖެ އޮތީ ގްރޫޕް އޭގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. އެއްވަނައިގައި އޮތް ބަހްރޭނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުވެއިތާއި، ތިންވަނައިގައި އޮތް ގަތަރު އަދި ހަތަރުވަނައިގައި އޮތް ސައުދީއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރިއިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުތް ފުރަތަމަ ފަހަރެވެ.