ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އައު ކޯޗަގުގެ މަގާމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު މޯހަން މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖެއްސިއިރު، އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ފުރިހަމަކޮށް އިންޑޮނީޝިއާގެ ކުލަބު ބޯނިއޯއާ ގުޅިފައެވެ.
ކުރިއަށް އޮތް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، އެންމެ ފަހުން އޭނާ އިރުޝާދުދީފައިވަނީ މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު ދާދި ފަހުން ސަސްއިން ވަނީ ދެ ފަރާތް އެއްބަސްވެގެން މޯހަންގެ އެއްބަސްވުން އުވާލާފައެވެ. ސަސްއާ ހަވާލުވުމުގެ ކުރިން މޯހަން ކޯޗުކަން ކޮށްދީފައިވަނީ ކުލަބު އީގަލްސްއަށެވެ. އެ ފަހަރު އީގަލްސް ދޫކޮށް މޯހަން ސަސްއަށް ބަދަލުވީ މިދިޔަ ސީޒަނުގައި އޭނާއާއެކު އީގަލްސްގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.
މޯހަންއަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް އިރުޝާދުދޭނެ ދިވެހި ހަތަރުވަނަ ކޯޗެވެ. މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޯހަން ބުނީ މޯހަން ބުނީ އޭނާއާ މާޒިޔާއާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށާއި. އެ ޓީމަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށެވެ. އަދި މާޒިޔާއާ ހަވާލުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، އެގޮތުން ކޮންމެ ގޮތަކުންވެސް މާޒިޔާއާ އެކުގައި ކާމިޔާބު ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ދިވެހި ކޯޗެއް ހަމަޖެއްސިއިރު، މިދިޔަ ސީޒަންވެސް އެ ޓީމުން ފަށާފައިވަނީ ދިވެހި ކޯޗަކާއެކުއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެންމެ ފުރަތަމަ މާޒިޔާއަށް އިރުޝާދުދިން ނަމަވެސް، ސީޒަން ފަށައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމްބެ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ.
މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ އެ ކުލަބުން އަނެއްކާވެސް ދިވެހި ކޯޗަކާ އެކީ ކުރިއަށްދާން ނިންމި އެންމެ ބޮޑު ސަބަބަކީ މިކަމުގައި މާޒިޔާގެ ޗެއާމަން އަޙްމަދު ސާޖިދުގެ އިސްނެންގެވުންވެސް އޮތުމުން ކަމަށެވެ. އަދި ދިވެހި ކޯޗުންނަކީ ހަގީގަތުގައި ތަޖުރިބާ ނެތް ބައެއް ނޫން ކަމަށާއި، އެހެންކަމުން ދިވެހި ކޯޗުންނަށް ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށްވެސް ބުންޏެވެ.
ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ މޯހަންއަށް ސަސްގައި ހޭދަކުރި ކުރު މުއްދަތުގައި އެ ޓީމާއެކު ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، މީގެ ކުރިން އީގަލްސްގައި މޯހަން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާއާއެކު އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދައި، މުޅިން އަލަށް މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.
ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައިވާ މޯހަން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ކުރިއަށް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.