ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިންވަނަ މެޗުން ބަހްރޭން އަތުންވެސް ބަލިވެ، ރާއްޖެ ކަޓައިފިއެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރޭނުގެ އިތުރުން ސައުދީ އަރަބިއްޔާ އާއި، ކުވައިތު އަދި ގަތަރެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅޭއިރު، މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ކޮލިފައިންގައި ބުދަ ދުވަހު ކުޅުނު މެޗުން ބަހްރޭން އަތުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ބަހްރޭނުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އުމަރު އާދަމާއި 15 ބޯޅައިން 15 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ.
ޖަވާބުގައި ބަހްރޭން ކުޅެން އަރައި ވަނީ ހަތްވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މި ބައިގައި ބަހްރޭނުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ޔޫނިސް އާއި އަށް ބޯޅައިން 23 ލަނޑު ހަމަކުރި އަނާސިމް ޚާނެވެ.
މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެފައެވެ. އަދި ދެވަނަ މެޗުން ވަނީ ގަތަރު އަތުން 98 ލަނޑުން ބަލިވެފައެވެ.
މި ނަތީޖާތަކާއެކު ރާއްޖެ އޮތީ ގްރޫޕް އޭގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. އެއްވަނައިގައި އޮތް ބަހްރޭނާއި، ދެވަނައިގައި އޮތް ގަތަރު އަދި ތިންވަނައިގައި އޮތް ސައުދީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކުވެއިތަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފަހު މެޗުގައި ބުރާސްފަތު ދުވަހުގެ ހެނދުނު ރާއްޖޭން ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރަމުން އަންނައިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުތް ފުރަތަމަ ފަހަރެވެ.