އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމީ އެންޑް ސޯޝަލް ސަރވިސްއާއި، މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގެ ބަޖެޓަށް އެހެން އަހަރުތަކާ އަޅާ ބަލާއިރު ރަގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު ވިދާޅުވީ; 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމީ އެންޑް ސޯޝަލް ސަރވިސްއާއި، މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ގެންދާ މަރުކަޒްތަކުގެ (19 ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ފިޔަވަތި (ކުޑަކުދިންގެ ހިޔާ) ބަޖެޓް އެހެން އަހަރުތަކާ އަޅައިބަލާއިރު ރަގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓްރީގެ މައިގަނޑު އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މަސައްކަތު ދާއިރާތައް ކަމުގައިވާ; ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަށް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އެ ބަޖެޓުން ކޮންޓްރިބިއުޓް ކުރާނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒްނާ ވިދާޅުވީ ނާޒުކުހާލަތުގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް، އެމީހުންގެ މައުލޫމާތު މުއްސަނދިކޮށް، އެމީހުން ބާރުވެރިކުރުވާ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދިޚިދުމަތްތައް ހަރުދަނާކޮށް, ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާއި, އިހުމާލާއި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ވަގުތުން ވަގުތަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއިއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކަށް މި ބަޖެޓުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 241 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނެ ދާއިރާތަކަށް އިޝާރާތް ކުރައްވައި ރިޒްނާ ވިދާޅުވީ; ގާނޫނު ނަންބަރު 19/2019 ތަންފީޒުކުރުމާއެކު، ލާމަރުކަޒީ އުސޫލުން އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް ހަރުދަނާކުރާނެ ކަމަށާއި، ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދާއިރާގެ ތަމްރީން ލިބިފައިވާ ގާބިލު ބަޔަކަށް ހަދާނެ ކަމަށެވެ.
ރިޒްނާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ހެދިފައިވާ ގާނޫނީ އޮނިގަނޑު އެންމެންގެ ބައިވެރިވުމާއެކު ތަންފީޒުކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރުމަށް ބާރުއަޅާނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާ ކުދިން އަލުން އަބުރާ އާއިލީ ވެއްޓަކަށް ރުޖޫއަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް އެކަމަށް މަގުފަހިކުރުމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރާނެ ކަމަށެވެ.
އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ދެމެހެއްޓެނިވިގޮތެއްގައި އަންހެނުންގެ ހިއްސާ އިތުރުކުމުމަށް ކަމާގުޅުންހުރި ދާއިރާތަކާއި އ.ދ ގެ ޖަމިއްޔާތަކުގެ އިތުރުން "ޑިވެލޮޕްމަންޓް ޕާޓްނަރސް"އާއެކު މަސައްކަތްކުރާނެކަން ރިޒްނާ ފާހަގަކުރެއްވިއެވެ.