ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 17:27
ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ނާއިބުރައީސް ވާހަކަފުޅު ދައްކަވަނީ
ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ނާއިބުރައީސް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ނާއިބުރައީސް
ރައްޔިތުންނަށް މުހިންމުވާކަމަކަށް ވާނަމަ، ކިތަންމެ ކުޑަކަމަކަށްވިއަސް މި ސަރުކާރުން އެކަމެއް ދޫކޮށެއް ނުލާނެ: ނާއިބުރައީސް
ވޭތުވެދިޔަ އަހަރުތަކަށް ބަލައިފިނަމަ ޢުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް، އުތުރުން ދެކުނަށް ނުފަށާ ރަށެއް ނެތް ކަމަށް ވިދާޅުވި

ރައްޔިތުންނަށް މުހިންމުވާ ކަމަކަށްވާނަމަ, އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް މި ސަރުކާރުން އެކަމެއް ދޫކޮށްނުލާނެ ކަމަށް ނާއިބުރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ, ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުތަކާއެކު ކަމަށާއި, ވޭތުވެދިޔަ އަހަރުތަކަށް ބަލައިފިނަމަ ޢުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް އުތުރުން ދެކުނަށް ނުފަށާ ރަށެއް ނެތް ކަމަށެވެ.

ޚިދުމަތްތަކުގެ ފަސޭހަކަން ލިބެން ޖެހެނީ މުޅި މާލެއަށް އެކަނި ނޫންކަމަށް ރައީސް އަބަދުވެސް ވިދާޅުވާ ކަމަށާއި, އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފައިޞަލް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ އިހުގެ ނެރުގައި މީގެ ކުރިން ހިނގާފައިވާ ހިތާމަވެރި ހާދިސާތަކަކީ ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަންތައްތައް ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތްވެސް އެމްޓީސީސީން ނިންމާލުމާއެކު, އުންމީދަކީ ފުވައްމުލަކު ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި، މަސައްކަތް އަވަސް ސްޕީޑެއްގައި ނިމިގެން ދިޔުން ކަމަށް ފައިޞަލް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ނާއިބުރައީސް ވިދާޅުވީ, ހަމައެކަނި ފުވައްމުލަކަށް ބެލި ނަމަވެސް, ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ފެނިގެންދާ ކަމަށެވެ. އަދި އެމްޓީސީސީން މި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކަންތައްތައް ރައީސް ކުރިއަށް ގެންދަވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާގޮތަށް ކަން ފާހަގަކުރައްވައި ފައިޞަލް ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ އުންމީދީ ބަޖެޓަކަށް ކަމަށެވެ. ރައްޔިތުންގެ އަޑު އަހައިގެން ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށާއި ރައްޔިތުންގެ އަޑު އިއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކަށް ނާއިބުރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

- ކޮމެންޓް