ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 02:01
ޔާމީންގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުން
ޔާމީންގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުން
ރާއްޖެއެމްވީ
ޔާމީނު ރަޝީދުގެ މަރު
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
ޔާމީން ރަޝީދު މަރާލީ 22 ވަނަ ދުވަހުގެ ރޭގައި
މި މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރުކޮށްފަ

މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ އިރު އެރީ އެތަށް ބަޔަކަށް ހާތްރާންކަމާއި ބިރުވެރިވެރިކަން ކުރިމަތިކުރުވި ހާދިސާއަކުންނެވެ. އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާލާ މަރާލި، ޔާމީނު ރަޝީދުގެ މަރުގެ ހާދިސާ ވެގެންދިޔަކީ އެތަށް ބަޔަކު ރޮއްވާލި ހާދިސާއަކަށެވެ. އަދި އެ ހާދިސާއަށްފަހު، އަމިއްލަ ފަސްގަނޑުގައި ސަލާމަތާއި ރައްކާތެރިކަން އޮތްކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަންޖެހުނު އެވެ.

 

އުމުރުން 29 އަހަރުގެ ބްލޮގަރ ޔާމީނު މަރާލި ހާދިސާއަކު، އެތަށް ރައްޔިތުންނަކަށް އަމިއްލަ ގައުމުގައި ރައްކާތެރިކަމާއި އަމާންކަން ނެތްކަން އިހްސާސް ކުރެވިގެންދިޔަ އެވެ. ޚާއްސަކޮށް ހިޔާލުފާޅުކުރާ ފަރާތްތަކާއި، ކަންކަމުގައި ފާޑު ކިޔާ ފަރާތްތަކަށް އެފަރާތްތަކުގެ ހިޔާލުތައް ފާޅު ކުރުމަށް ޖެހިލުންވާ ހިސާބަށް ރާއްޖޭގެ ހާލަތު ގޮސްފައިވާ ކަމަށް ގަބޫލުކުރެވެން ފެށުނެވެ. އިންސާނަކަށް ރައްކާތެރިކަމާއި އެކު މުޖުތަމައުގައި ނޫޅެވޭނެކަން އިހްސާސްވުމަކީ އިންސާނާއަށް ކުރިމަތިވާނެ އެންމެ ބޮޑު އަޅުވެތިކަމެވެ. އެހެން ކަމުން ޔާމީނު ރަޝީދުގެ މަރަށް އިންސާފު ލިބުމަކީ، ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްކަލަށް މުހިއްމު ކަމެވެ. އަދި ބޭނުންތެރި ކަމެކެވެ.

 

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން، ފުލުހުން ކުރިއަށްގެންދާ ތަހުގީގާއި މެދު އެތައް ބަޔަކު ދަނީ ސުވާލުތައް އުފައްދައި، ފާޑުތައްކިޔަމުންނެވެ. އެއް ބަޔަކު ގަބޫލުކުރާގޮތުގައި މި މައްސަލައިގެ ފުލުހުން ކުރިއަށްގެންދާ ތަހުގީގު ސްޕީޑް ވަރަށްވެސް ލަހެވެ. ނުވަތަ ހާމަކުރާ މައުލޫމާތުން ފުލުހުންނަށް ހާދިސާގައި ދެވިފައިވާ ހިސާބު ނޭނގޭކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. ހަމައެއާއެކު ފުލުހުން މިއަށްވުރެ ގާތުން މި މައްސަލައިގެ ވާނުވާ ރައްޔިތުންނަށް ހާމަކުރަންޖެހޭނެ އެ ފަރާތްތަކުން ބުނެއެވެ. މިފަދަ އެތަށް ވާހަކައެއް ފުލުހުންނާއި ގުޅޭ ގޮތުން ރައްޔިތުން ދަނީ ދައްކަމުންނެވެ. އެ މުއައްސަސާގެ އިތުބާރާއި، ނަޖާހަތްތެރިކަމާމެދު އެތަށް ސުވާލުތަކެއް ގެންދަނީ އުފައްދަމުންނެވެ.

 

 

މީގެ އިތުރުން ރައްޔިތުން ދައްކާ އަނެއްވާހަކައަކީ ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދުމަށް ކުރާ ބައެއް މަސައްކަތްތަކަށް، ނުވަތަ ހިންގާ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅާ ވާހަކަ އެވެ. އެގޮތުން މެއި 23 ވަނަ ދުވަހު ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވުމަށް ރޭވި ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުންޏެވެ.

 

 

އޭގެއިތުރުން ޔާމީން ރަޝީދުގެ ބައްޕަ ފުލުހަށް ހުށަހެޅި 800 އަށްވުރެ ގިނަ ސިޓީ ފުލުހުން ބަލައިނުގަތުމަކީވެސް އެތަށް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި ކަމެކެވެ.

 

 

ޔާމީން ރަޝީދުގެ މަރާގުޅިގެން މިއަދާ ހަމައަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާލާނަމެވެ.

 

ޔާމީނު ރަޝީދުގެ މަރާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ވަނީ ޚާއްސަ ނޫސްބަޔާނެއް ނެރެފަ އެވެ. އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން އިއުލާނުކުރި އެވެ. އަދި މިކަން ހިންގި ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އެދުވަހު ފުލުހުން ބުންޏެވެ.

 

އޭގެ ޖެހިގެން އައި ދުވަހު ފުލުހުންވަނީ އެ މައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިފަ އެވެ. އަދި ޝަރީއަތަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް މީޑިޔާތަކުންނާއި އާއްމު ރައްތިޔުންވެސް ނުކުރުމަށް ފުލުހުން އެދުވަހު އެދުނެވެ.

 

 

ޔާމީނުގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ފުލުހުން ޕްރެސް ކޮންފަރެންސްއެއް ބާއްވާފައިވަނީ އޭޕްރީލް 25 ވަނަ ދުވަހު އެވެ. އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ދެ މީހެއްގެ ފޮޓޯ އާއްމުކޮށްފަ އެވެ. އެ ދެ ފޮޓޯގައި މ. ސްޕެޓިއުލާ ގޭގެ އެތެރޭގައި ދެމީހުން ތިބޭ މަންޒަރާއި ބޭރަށް ނިކުންނަ މަންޒަރު ފެނިގެންދެ އެވެ. އެދުވަހުގެ ޕްރެސް ކޮންފަރެންސް ނިންމާލީ މީޑިޔާތަކަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ އެވެ.

 

އެހެން ނަމަވެސް، އެފޮޓޯތައް އާއްމުކުރި ފަހުން، ފުލުހުން އާއްމުކުރި ފޮޓޯގައި ތިބި ދެމީހުން ތިބީ ސިފަ ބަދަލުކޮށްގެންކަން ފުލުހުން ނުރަސްމީކޮށް ޔާމީނު ރަޝީދުގެ އައިލާއާއި ހިއްސާކޮށްފައިވާކަން ބައެއް މީޑިޔާތަކުގައި ލިޔެވިގެންދިޔަ އެވެ.

 

 

 

މި މައްސަލައިގައި ފުލުހުން މެއި 3 ވަނަ ދުވަހު ވަނީ ޔާމީނު ރަޝީދުގެ މަރުގެ މައްސަލައަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން ޔާމީން މަރާލުމުގައި ބައިވެރިވި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން ވެސް ފުލުހުން ހާމަކުރި އެވެ. އަދި މައްސަލައިގެ ތަހުގީގު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން ހާމަކޮށް، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އެދުނެވެ.

 

ޔާމީނުގެ ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން މެއި 9 ވަނަ ދުވަހު ފުލުހުން ހާމަކުރި މައުލޫމާތުގައި މައްސަލައިގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކުރެވިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

 

މި މައްސަލައިގައި އެންމެ ފަހުން ފުލުހުން މެއި 15 ވަނަ ދުވަހު ހާމަކުރި މައުލޫމާތުގައި ހަތް މީހަކު ހައްޔަރުކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ. އަދި ޔާމީނު ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ލޯޔަރެއް ހައްޔަރުކޮށްފައިވާކަންވެސް ފުލުހުން ހާމަކުރި އެވެ.

 

 

ޔާމީނު ރަޝިދު މަރާލިތާ 30 ދުވަސް ވެގެންދިޔަ އިރު، މިހާތަނަށް ފުލުހުން ހާމަކޮށްފައިވަނީ މި މައުލޫމާތުތަކެވެ. ފުލުހުން ބާއްވާފައިވަނީ އެންމެ ޕްރެސް ކޮންޕަރެންސް އެކެވެ. އިތުރު ޕްރެސް ކޮންޕަރެންސް އެއް ނުބާއްވަނީ މި މައްސަލައިގެ ބާވަތުން، ކޮށްފާނެ ސުވާލުތަކަކާއި ގުޅިގެން ކަމަށް ވެދާނެ އެވެ.

 

އެހެން ނަމަވެސް މި މައްސަލައިގެ މިސްރާބު ދާގޮތް ނުވަތަ ވާނުވާ އެނގުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެކެވެ. މިހާދިސާ އަކީ ރާއްޖޭގެ އަމާންކަމާއި، މުޖުތަމައުގެ ހަމަޖެހުމާއި ގުޅިފައިވާ މައްސަލައެކެވެ.

 

ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި މަރުގެ މައްސަލަތައް އިތުރުވަމުންދާ އިރު، އަނިޔާވެރިކޮށް މަރާލެވޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އުނގޫފާރު ދައިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝިމްގެ މަރާއި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި ހާދިސާއަށް ފަހު، ބްލޮގަރ ޔާމީނު ރަޝީދު މަރާލި ހާދިސާއާ ހަމައިން މިކަމަކީ މިގައުމުން ނުފިލާ އަދި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއްކަން ރައްޔިތުންނަށް އިހްސާސް ކުރެވިއްޖެ އެވެ.

 

މި ކުޑަކުޑަ މުޖުތަމައުއިން އަމިއްލަ ފަރުދުންނަށް ލިބޭންޖެހޭ ރައްކާތެރިކަން ނުލިބުމަކީ، ގައުމުގެ ކުރިއެރުމާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރައެވެ.

 

ރައްޔިތުން ބޭނުންވަނީ ޔާމީން ރަޝީދުގެ މަރަށް އިންސާފުލިބި، މީގެ ކުރިން މިފަދަ ހާދިސާތައް ކުރިމަތިވި ފަރާތްތަކުގެ އައިލާތަކަށް ވެސް އެ ހިނގި ހާދިސާތަކުގެ ހަގީގަތް އެނގި ތަހައްމަލު ކުރަމުން މި ދާ ހިތާމަވެރިކަމަށް ތަސައްލީއެއް ލިބުމަށެވެ.

 

ޔާމީނުގެ މަރުގެ މައްސަލައިގެ ތަހުގީގު، ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ކަންތައް ވެގެންދާކަށް ރައްޔިތުން ބޭނުމެއް ނުވާނެ އެވެ. ރިލްވާނު ވަގަށް ނެގި މައްސަލައިގައި އަމިއްލައަށް އިސްނަގައިގެން ބަޔަކު ހިންގި ތަހުގީގުން ފާހަގަކުރެވުނު ކަންތައްތައް ފުލުހުންނަށް ހުށަހެޅުމުން އެންމެ ފުރަތަމަ ފުލުހުން އެ ކަންތައްތަކެއް ބަލައެއް ނުގަތެވެ.

 

 

ރިލްވާންގެ އެޕާޓްމެންޓް ހުންނަ ސަރަހައްދުން އޭނާ ވަގަށް ނެގި ރޭ ފެނުނު ރަތް ކާރާއި އެ ސަރަހައްދުން ފެނުނު ވަޅި އަކީ މައްސަލަ އާއި ގުޅޭ ތަކެތި ނޫން ކަމަށް ފުލުހުން އެންމެ ފުރަތަމަ ބުންޏެވެ. އެއީ ރިލްވާނުގެ މަރާއި ގުޅުންހުރި ތަކެތިކަމަށް އޭގެ އެއް އަހަރު ފަހުން ފުލުހުން ބުންޏެވެ. އޭރު އެ މައްސަލައިގައި ހައްޔަރު ކުރި އެންމެންވެސް ތިބީ ފުލުހުންގެ ބާރު ހިނގާ ސަރަހައްދުން ފިލައިގެން ގޮސްފަ އެވެ.

 

މިއީ ޔާމީނުގެ މަރުގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގާނެކަމަށް ރައްޔިތުންނަށް ގަބޫލު ނުކުރެވޭ އެއް ސަބަބެވެ. އެހެން ނަމަވެސް މި މައްސަލަ ކާމިޔާބު ކަމާއެކު ތަހުގީގުކޮށް، ގާތިލުން އިންސާފުގެ ކުރި މައްޗަށް ގެނެވިއްޖެ ނަމަ އަނެއްކާވެސް ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިގެންދާނެ އެވެ. ހަމަގައިމުވެސް، އެ ބައެއް ރައްކާތެރިކުރުމަށް ގާނޫނީ ހައިސިއްޔަތު ލިބިގެން ތިބޭ ބަޔަކީ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭނެ ބައެކެވެ. ފުލުހުންގެ މޮޓޯގައިވާ "ޕްރޮޓެކްޓް އެންޑް ސަރވް" ހާސިލް ވެފައިވާ މިންވަރާ މެދު ރައްޔިތުން އުފައްދާ ސުވާލުތަކަށް އޭރުން ހަމަގައިމުވެސް ލުއިތަކެއް ލިބިގެންދާނެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް