ރިހިވެލި ރިސޯޓުގެ މައްސަލަ ނުނިމެނީސް އެ ރިސޯޓް އަލުން ހުޅުވަން މަސައްކަތް ކުރަމުންދާތީ، ކޯޓުގައި އޮތް މައްސަލަ އަވަސްކޮށްދިނުމަށް އެދި ސޭވް ދަ ޑްރީމްސްގެ ފަރާތުން ހައިކޯޓުގައި އެދިފައިވާ މައްސަލަ ލަސްވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ރިހިވެލި ދަ ޑްރީމްގެ ނަމުގައި ހިންގަމުން ދިޔަ ރިސޯޓުގެ ސަބް ލީސް އެއްބަސްވުން ބާތިލްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އެ މައްސަލަ ކޯޓުން ބަލައި ނުނިމެނީސް, ރިހިވެލި ރިސޯޓު ހިންގުމާ އެހެން ކުންފުންޏަކުން ހަވާލުވެ އަލުން ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ޝަރީއަތުގެ މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާފުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސޭވް ދަ ޑްރީމްސްގެ ފަރާތުން ވަކާލު ކުރައްވާ ލިޓިޖެންޓްސް ލޯފަރމުން, ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ, ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ، ހައި ކޯޓުގެ ސޭވް ދަ ޑްރީމް ވ. މާހަލް ޓުއަރސްއާ ގުޅިގެން، 11 އޮކްޓޯބަރ 2021ގެ ސިޓީގައި ފާހަގަކޮށްފައިވާ ފަދައިން، ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ހިމެނިވަޑައިގަންނަވާ ކުންފުންޏެއް ކަމުގައިވާ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ރިހިވެލި ރިސޯޓް މޯލްޑިވްސްގެ ނަމުގައި ބިޒްނަސް ނޭމް އެއް، 5 އޮކްޓޯބަރގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.
އަދި މި ބިޒްނަސް ނޭމްގެ ދަށުން ރިހިވެލި ރިސޯޓު، 15 ނޮވެމްބަރުގައި ހުޅުވާނެކަމަށް އިއުލާނު ކޮށްފައިވާ ކަމަށެވެ. 11 އޮކްޓޯބަރ 2021ގައި އޮތް އަޑުއެހުމުގައި، ރިހިވެލި ރިސޯޓު އަލުން ހުޅުވަން އުޅޭ ކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން އިޢުތިރާފު ވެފައިވާކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ
އެހެންކަމުން ވާޤިޢާތައް އެގޮތުގައި ހުރުމާއެކު، ވީހާވެސް އަވަހަށް މި މައްސަލައިގެ އަޑުއެހުން ބާއްވަވައި، ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއި ވަގުތީ އަމުރަށް ގޮތެއް ނިންމަވާ ދެއްވުން އެދިފައިވެއެވެ.
އެހެންނަމަވެސް، އެ މައްސަލަ ކުރިއަށްނުދާތީ ވަކީލުން ވަނީ އާދިއްތަ ދުވަހު ޖޭއެސްސީއަށް އެ މައްސަލަ ހުށައަޅުއްވާފައެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވަނީ ހައިކޯޓަށް މައްސަލަ އަވަސްކޮށްދިނުން އެދި ހުށަހެޅި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާ ކަމަށާއި، 15 ނޮވެމްބަރުގައި ރިހިވެލި ރިސޯޓު އަލުން ހުޅުވުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ރުހުމާއެކު އިއުލާނު ކޮށްފައިވާއިރު، އޭގެ ކުރިން މި މައްސަލައާ ގުޅޭ ވަގުތީ ކަންކަމަށް ޤާނޫނީ ފަރުވާ ލިބެންޖެހޭކަމަށެވެ. އަދި މިއީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.
ޝެއަރ ހޯލްޑަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި, ރިސޯޓުގެ މައްސަލަ ހޫނުވެ, އެންމެ ފަހުން ރިސޯޓު ހިންގުމުގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. ސިވިލް ކޯޓުގެ އަމުރަށް ރިއާޔަތް ކުރުމަށްފަހު، ރިހިވެލި ބީޗް ރިސޯޓުގެ ހިންގުމުގެ ލައިސަންސް ބާތިލުކޮށްފައި ވަނީ 2 ސެޕްޓެމްބަރުގައެވެ.