ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 21:17
ނާއިބުރައީސް ފައިސަލް ނަސީމް ވަފުދުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން
ނާއިބުރައީސް ފައިސަލް ނަސީމް ވަފުދުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނާއިބުރައީސްގެ ބައްދަލުކުރެއްވުން
އެމެރިކާގެ ޑީ.އީ.އޭ އަދި އޮސްޓްރޭލިއާގެ އޭ.އެފް.ޕީގެ ވަފްދުގެ ބޭފުޅުންނާއި ނާއިބުރައީސް ބައްދަލުކުރައްވައިފި
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކުރެއްވި
ހެލްތު މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ހޯދުމުގައި އެހީތެރިވެ ދެއްވާނެކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުން ނާއިބުރައީސަށް އެރުވި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) އަދި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސް ދިވެހި މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓާއި ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންކުރުމަށާއި އެ ޚިދުމަތުގެ ހިންގުމުގެ އޮނިގަނޑާއި ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ވަފްދުގެ ބޭފުޅުން ވަނީ އެ އިދާރާތަކުން މި ސަރަހައްދުގެ ގައުމުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހިއްސާކުރައްވާފައެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ތަޢުރީފުކުރައްވާ، ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޑީ.އީ.އޭ ގެ ވަފްދުގެ ބޭފުޅުން ހާމަކުރައްވާފައިވެއެވެ. އަދި އިތުރު ތަމްރީނު ފޯރުކޮށްދިނުމާއެކު އާންމުންނާއި މުއާމަލާތްކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންގެ ޕްރޮފެޝަނަލިޒަމް އިތުރުކުރުމާ ބެހޭގޮތުންވެސް ޑީ.އީ.އޭ ގެ ވަފްދުގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

އެބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއެކު މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެކެވުނު ބައެއް ވާޙަކަތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް އަމާޒުކޮށް ޑީ.އީ.އޭ އަދި އޭ.އެފް.ޕީން ތައްޔާރުކޮށް ބޭނުންކުރާ ބައެއް ރެފަރަންސް މެޓީރިއަލް ދިނުމުގެ އިތުރުން މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ބޭރުގެ ކަމާގުޅޭ އެމްބަސީތަކަށް ފޯރުކޮށްދިނުމާއި އެތަންތަނުން މިކަންކަމުގައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ހޯދުމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަމާޒުކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މި ސަރަޙައްދުގެ ގައުމުތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ދެ އިދާރާގެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ވަފްދުގައި ހިމެނިވަޑައިގަންނަވާ ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ފަރާތުން މެދުއިރުމައްޗާއި އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގައި މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތްކުރާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ބައްޓަން ކުރެވިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުމާއި ފަރުވާ ދިނުމާއި އަނބުރާ މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ގެނައުމަށް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ވަފްދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް