ކ. މާލެ
|
22 އޮކްޓޯބަރ 2021 | ހުކުރު 15:40
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
އައްމަޓީ
ކްރިމިނަލް ކޯޓުން އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމުމުން، ޕީޖީން ހައިކޯޓަށް
 
އަންނަ ހަފްތާގެ ތެރޭގައި އެ ނިންމުން އިސްތިއުނާފު ކުރެއްވުމަށް ހުށަހަޅުއްވާނެ
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދު
 
ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމައިފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށްދަނިކޮށް ބުދަ ދުވަހު އޮތް އަޑުއެހުމުގައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ނިންމާފައެވެ. އޭނާ ދޫކޮށްލީ އޭނާގެ އަންހެން ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީއު އަހުމަދު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ ހަފްތާ ތެރޭގައި އެ ނިންމުން އިސްތިއުނާފު ކުރެއްވުމަށް ހުށަހަޅުއްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމާމެދު ގޮތެއް ނިންމެވުމަށް ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްނުލެއްވުމަށް އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ކަފާލާތުގެ ޙައްޤަށް އެދޭ ފަރާތުން ޤާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް އެ ހުށަހެޅުން ބިނާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު، އައްމަޓީގެ ފަރާތުން އެފަދަ ޤާނޫނީ ބިނާއެއް ނެތްކަން ވަކީލުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވަކީލު ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އިއުތިރާޒު ކުރައްވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޤަވާއިދަށް ބަލާއިރުވެސް ކަފާލާތުގެ ދަށުން މީހަކު ދޫކުރާއިރު ރިއާޔަތް ކުރައްވަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށާއި، އޭގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިހުތިޔާރަކީ މުތުލަޤަށް ދޫކޮށްލާފައިވާ އިހުތިޔާރެއް ނޫންކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އަދި ކުށުގެ ބާވަތާއި، ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަންޖެހޭކަން ޤާނޫނީ ނައްސުތަކުން އެނގެން އޮންނަކަން ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ. އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ދިފާއީ ވަކީލު ވަނީ ދޮގު ކުރައްވާފައެވެ.

އޭގެ އިތުރުން، އައްމަޓީ މީގެ ކުރިން ފިލައިގެން އުޅުނުކަން ނޭނގޭކަމަށް އޭނާގެ ދައްތަ ބުނެފައިވާއިރު، ދައުލަތުން ވަނީ އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާމެދު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަޤީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ގާޒީ ވަނީ ޖާމިނުވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެ، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އަދި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، "ނިންމެވުމާމެދު ހިތްހަމަ ނުޖެހޭނަމަ، ދައުލަތުން އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ ގޮތަށް" ހައިކޯޓަށް ވަޑައިގެންނެވުމަށެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮންނަ ކަމަށެވެ. ނަމަވެސް އެ ނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ޖެހޭނީ ހައިކޯޓަށް ވެސް ވަޑައިގަންނަވަންކަން ޕީޖީ ފާހަގަކުރެއްވިއެވެ. ޕީޖީ ވަނީ ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެފައިވާކަން ފާހަގަ ކުރައްވައި، ޖާމިނު ވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ، ތަފާތު ދެ މައްސަލައެއްގައި މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދެވެ. އެގޮތުން އަސްހަދު އަލީ ޖާމިނުކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލެއްވީ ގާޒީ ޙަސަން ސައީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް