ބުދަ ދުވަހު ވެކްސިން ފުރިހަމަ ކޮށްފައިވަނީ 481 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު 65 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 54 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 11 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 393،878ށް އަރާފައެވެ.
މީގެ އިތުރުން އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު 481 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 382 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންޖެހި 99 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 353،108ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް, އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.