ހުޅުމާލެ ޕޯޓްގެ އޮޕަރޭޝަންތައް ފުޅާވަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑަޓްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ; ހުޅުމާލޭ ޕޯޓްގެ ބޭނުން ވަރަށް ގިނަ މީހުން ކުރަމުންދާ ކަމަށާއި, ހުޅުމާލޭގެ އާބާދީ ގިނަވުމާއި ވިޔަފާރިތައް ގިނަވުމުގެ ސަބަބުން 2015 ވަނަ އަހަރުން ފެށިގެން 40،000ށް ވުރެ ގިނަ ކޮންޓޭނަރު މިހާތަނަށް އައިސްފައިވާ ކަމަށެވެ.
ޕެންޑަމިކްގެ ހާލަތުގައި ވެސް އެވްރެޖްކޮށް ދުވާލަކު 60 ނޫނީ 80 ކޮންޓެއިނަރު އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ސެކިއުރިޓީ ސޭފްޓީ ރަނގަޅު ކުރުމަށްޓަކައި, މާލޭގައި ވެސް ހުންނަ ގޮތަށް އިން އައުޓް ގޭޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ ގޭޓަކީ ކަސްޓަމްސްއާ އެމްޕީއެލްގެ މުދާތައް ހިފައިގެން ވަންނަ ވެހިކަލްތައް ބަލައި ފާސްކޮށް، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހަދާފައިވާ ގޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ޕޯޓްގައި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަކަންތައްތައް ކުރެވިގެންދިޔަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ, 2019އިން ފެށިގެން ހުޅުމާލެ ޓާމިނަލްގެ ޔާޑު އެއްކޮށް ޕޭވްކޮށް ނިމިފައިވާ ކަމަށެވެ.
ކުރިން, ވާރޭވެހިއްޖެނަމަ ފެންބޮޑުވުމުގެ ސަބަބުން, ވެހިކަލްތައް ދުއްވުމަށާއި މުދާ ކްލިއަރ ކުރުމަށް ވަރަށް ބޮޑެތި ދަތިތައް ދިމާވާ ކަމަށާއި މިހާރު ޕޭވްކޮށް ނިމި، ކޮންޓެއިނަރ ޔާޑް ޕްލޭން ކުރެވުމުން ވަރަށް ބޮޑުތައް ފަސޭހަވެގެން ހިނގައްޖެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްއިން ދާދި ފަހުން ވަނީ މާލޭ ވިޔަފާރި ބަނދަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފޯރުކޮށް ދެމުންދާ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެސްފައެވެ.
އެމްޕީއެލުން ބުނީ ކޮންޓެއިނަރ ކްލިއަރކުރުމަށް ރިކުއެސްޓް ކުރުން, ހަމަޖެހިފައިވާ ދުވަހުގެ 3 ދުވަސް ކުރިއަށް ނޯޓްކުރާ ނޯޓްކުރުން މިހާރު އެއްކޮށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ހަމަ މިއާއެކު ކެންސަލޭޝަން ޓައިމް ކުރިން އޮތް 24 ގަޑިއިރު, މިހާރު 48 ގަޑިއިރަށް ބަދަލުކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލުން ބުނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންޓެއިނަރ ރިކުއެސްޓް ކުރުމުގައި ފަސޭހަތަކެއް ލިބި އަދި ބޭނުންވާ ދުވަހަކަށް ނޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެމްޕީއެލްއިން ފޯރުކޮށް ދެމުންދާ ބައެއް ޚިދުމަތްތަކަށް ބަދަލު ގެންނަމުންދާއިރު، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް އަދި ވިޔަފާރިވެރިންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލުން ބުނެއެވެ.