އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއެއް ކަނޑައަޅައި، ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި އަންސޫ ފަޓީ އެއްބަސްވުން އާކޮށްފިއެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ފަޓީ ވަނީ ބާސާގެ އެއްބަސްވުން އިތުރު ހަ އަހަރަށް އާކޮށްފައެވެ. އެހެންކަމުން ފަޓީގެ އެއްބަސްވުން ދެން ހަމަވާނީ 2027 ވަނަ އަހަރުގައެވެ.
ބާސާއާއެކު ފަޓީ ހެދި އެއްބަސްވުން އުވާލަން އެއް ބިލިޔަން ޔޫރޯ ކަނޑައެޅިއިރު، ދާދި ފަހުން އެ ކުލަބުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީވެސް ވަނީ އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައިވާ ސްޕެނިޝް ލީގުގެ ހަމައެކަނި ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.
ބާސާގެ އެއްބަސްވުން ދިގު މުއްދަތަކަށް ފަޓީ އާކުރިއިރު، މި ސީޒަނުގައި ބާސާއިން ވަނީ ޕީއެސްޖީއަށް ބަދަލުވި އެ ޓީމުގެ ލެޖެންޑް ލިއޮނެލް މެސީގެ 10 ނަންބަރު ޖާޒީ ފަޓީއަށް ދީފައެވެ.
ގިނީ ބިސާއުއަށް އުފަން ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ 2019 ވަނަ އަހަރުގެ އޯގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރައި ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.
އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.
ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ އުއްމީދީ ފޯވާޑް ފަޓީ ބާސާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 48 މެޗުގައި 15 ލަނޑު ޖަހާފައެވެ.