އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ޖާނުންފިދާ ވެގެން ހަމަލާ ދިން މީހާ އެ ހަމަލާ ދިނީ "ބޮޑަށް ގާބޫލު ކުރެވޭ ގޮތުން"، އޭނާ އެކަނި ނޫން ކަމަށް ހޯމް ސެކްރެޓަރީ އެމްބާ ރަޑް ވިދާޅުވެއްޖެއެވެ.
މެންޗެސްޓާ ސިޓީގެ މެންޗެސްޓާ އެރީނާގައި ސަލްމާން އަބެދީ ދިން ހަމަލާ ގައި 22 މީހުން މަރުވެ 64 މީހުން ޒަޚަމްވިއެވެ.
އިނގިރޭސި ފުލުހުން ވަނީ ހަމަލާ އާއި ގުޅިގެން ބުދަ ދުވަހު ތިން މީހަކު ހައްޔަރު ކޮށްފައެވެ. އަންގާރަ ދުވަހު އިނގިރޭސި ފުލުހުން ވަނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އަބަދީގެ 23 އަހަރުގެ ބޭބެ ވެސް ހައްޔަރު ކޮށްފައެވެ.
އިނގިރޭސިވިލާތަަށް ޓެރެރިސްޓް ހަމަލާއެއް އަތުވެދާނެ ކަމަށް ބަލާ މިންގަނޑުން ބަލާނަމަ އެގައުމު މިހާރު އޮތީ އެންމެ މަތީ ހަރުފަތުގައި ކަމަށާއި، އެއީ "ކްރިޓިކަލް" ހާލަތުގައި ކަމަށް ބޮޑު ވަޒީރު ތެރީސާ މޭ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ "ޓެރާ ތްރެޓް ލެވެލް"، "ކްރިޓިކަލް" ނުވަތަ އެންމެ ނުރައްކާތެރި ހާލަތުގައި ވުމުން އަންގައި ދެނީ، އެގައުމަށް، އިތުރު ޓެރަރިސްޓް ހަަމަލާއެއް އަތުވެދާނެ ކަން ވަރަށް ގާތް ކަމެވެ.
އިނގިރޭސިވިލާތުގެ މައި އިމާރާތްތަކާއި އަދި ތަންތަނުގައި ސަލާމަތީ ބާރުތަކުން މިހާރު ދަނީ ފޯރިމަރަމުންނެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯވއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އިން ނަގައިފިއެވެ. ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ، ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލާ "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތެވެ. މެންޗެސްޓަރ އެރީނާއިން ބުނި ގޮތުގައި ބޮން ގޮއްވާފައިވަނީ ޝޯވ ބަލަން ދިޔަ މީހުން ނިކުންނަނިކޮށް، އެރީނާގެ ބޭރުންނެވެ. މި ހަމަލާގައި އާރިއާނާއަށް އަނިޔާއެއް ވެފައެއް ނުވާއިރު، އޭނާވަނީ އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ"ކަމަށް، ޓްވިޓާ މެދުވެރިކޮށް ބުނެފައެވެ.
މިފަހަރުގެ ކުރިން މިހާތަނަށް، އިނގިރޭސިވިލާތުގެ "ޓެރާ ތްރެޓް ލެވަލް"، "ކްރިޓިކަލް" އަށް ޖައްސައިފައި ވަނީ 2006 ގައެވެ.