އއ. ތޮއްޑޫ
|
20 އޮކްޓޯބަރ 2021 | ބުދަ 16:05
ރައީސް ސާލިހު ތޮއްދޫގެ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ބައްދަލުކުރެއްވުން
ރައީސް ސާލިހު ތޮއްދޫގެ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ތޮއްޑޫއަށް
އެގްރޯނެޓް ނުވަތަ އެސްޓީއޯއިން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި އެތެރެކޮށް ދަނޑުވެރިންނަށް ލިބޭނެގޮތް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވެއްޖެ
ގްރީން ޓެކްސްގެ ބޮޑު ބައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ފާހަގަކުރެއްވި
ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލްތަކާ ގުޅިގެން ކުރަމުންދަނީ
ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ރައީސް ވިދާޅުވި

ދަނޑުވެރިންނަށް ބޭނުންވާ ސާމާނު އެގްރޯނެޓް ނުވަތަ އެސްޓީއޯއިން ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބުދަ ދުވަހުގެ ހެނދުނު ބައްދަލުކުރައްވައި ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ލޯކަލް ޓޫރިޒަމް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ބުދަ ދުވަހުގެ ހެނދުނު ތޮއްޑޫ އެގްރި ސެންޓަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބޭތީ ހުރި ކަންބޮޑުވުންތަކާއިި، ދަނޑުވެރިކަމަށް ބޭނުންވާ މުޑުވަކާއި ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތައް ހިންގަވާ ބޭފުޅުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓް ދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫއަކީ ދަނޑުވެރި ރަށެއްކަމަށާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ދަނެގެން ސަރުކާރުން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރަމުންދާކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށް ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިންވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާކަމުގައި ވިދާޅުވެފައެވެ.

Advertisement

ގެސްޓްހައުސްތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ޖަބާވުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގްރީން ޓެކްސް މިހާރު ޚަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށްކަން ފާހަގަކުރައްވައި، ގްރީން ޓެކްސްގެ ބޮޑު އިންސައްތައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ވިސްނުމުގައި ބަހައްޓަވައިގެން އެކަން ކުރިޔަށްގެންދަވާނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހުރިއްޔާ ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައްް ބައްލަވާލައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރުވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓަރީ ކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ތޮއްޑޫގައި މިހާރު ސަރުކާރުން ތަރައްގީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް