ކ. މާލެ
|
20 އޮކްޓޯބަރ 2021 | ބުދަ 15:09
ފަރުވާ ނުލިބި ކުޑަކުއްޖަކު ނިޔާވުން
ފަރުވާ ނުލިބި ކުޑަކުއްޖަކު ނިޔާވުން
ރާއްޖެއެމްވީ
ފަރުވާ ނުދެވި އިތުރު މަރެއް
އެންމެ 3 މަހުގެ ތުއްތު ކުއްޖާގެ މަރު: ޒިންމާ ނަގާނީ ކޮން ފަރާތަކުން؟
 
ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑުކޮށްފައި
 
އެކުއްޖާ ނުބަލާނެ ކަމަށް ޑޮކްޓަރު ބުނި
 
އެމްބިއުލާންސް އައީ 2 ގަޑިއިރު ފަހުން

މިއަހަރުގެ ޖޫން މަހު މީހުންގެ ތެރޭގައާއި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ފަރުވާ ނުލިބި ލަސްވެގެން ނިޔާވި 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ ވާހަކައެވެ. މިޝްކާގެ މަރުގައި ރާއްޖޭގެ ސިއްހީ ނިޒާމުގެ އިހުމާލެއް އޮތް ކަމުގެ ވާހަކައެވެ. އެންމެ ރަނގަޅު އަވަސް ޚިދުމަތެއް ދިންނަމަ މިޝްކާގެ ފުރާނެ ސަލާމަތްކުރެވުނީސްކަމަށް ދެކެވުނު ވާހަކައެވެ. އެދުވަސްވަރު ގިނަ ބަޔަކު ގެންދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމު ފެެއިލްވެއްޖެކަމަށް ބުނަމުންނެވެ.

މިވާހަކަ ކޮންމެވެސް ވަރަކަށް ހިނދިފައި އޮއްވައި އަނެއްކާވެސް ފެންމަތިވެގެން މިއައީ ހަމަ މި މައްސަލައާ ދާދި އެއްކަހަލަ މައްސަލައެކެވެ. ސިއްހީ ދާއިރާގެ އިހުމާލަކުން އެންމެ ތިން މަހުގެ ތުއްތު ކުއްޖަކު ނިޔާވުމެވެ. އެހެންނަމަވެސް މިފަހަރު މިކަން ހިނގައިދިޔައީ މާލެއަކު ނޫނެވެ. ގދ. ތިނަދޫގައެވެ. ނިޔާވި ތުއްތު ކުއްޖާގެ ބައްޕަ ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

އެކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ކުއްލިއަކަށް ބޭރަށް ހިންގަންފެށީއެވެ. އެހެންކަމުން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ފޮނުވައިދިނުމަށް އަންގާރަ ދުވަހުގެ ފަތިހު 04:00 ޖެހި އިރު ހޮސްޕިޓަލަށް ގުޅީކަމަށެވެ. އެމްބިއުލާންސް ފޮނުވަނީ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ. އެ ގެއަކީ ހޮސްޕިޓަލު މަގުގައި އިންނަ ގެއެއް ކަމުން އޭގެ 5 މިނެޓު ފަހުން އެމްބިއުލާންސްގެ އެއްވެސް ޚަބަރެއް ނުވެގެން، ހޮސްޕިޓަލަށް ގުޅައި ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާ ކަން އެންގި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އޭގެ 18 ވަރަކަށް ދުވަސް ކުރިން އެ އާއިލާގެ މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށެވެ. އަދި އޭރު ތިބީ ރަނގަޅު ވެފައި ކަމަށެވެ. އެހެންނަމަވެސް ކަރަންޓީނުން ދޫކޮށްނުލާތީ ހޮސްޕިޓަލުން އެންގީ ކޮވިޑް ފެސިލިޓީއަށް ދިއުމަށް ކަމަށް ތުއްތު ކުއްޖާގެ ބައްޕަ ކިޔައިދީފައިވެއެވެ. ބަލިވި އެންމެންވެސް ރަނގަޅުވެފައިވާކަން ހޮސްޕިޓަލަށް އެންގުމުންވެސް އެދުނީ ކޮވިޑް ފެސިލިޓީއަށް ދާން ކަމަށާއި، ހޮސްޕިޓަލަށް ދިޔަޔަސް ޑޮކްޓަރު ނުބަލާނެ ކަމަށް ބުނި ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އަދިވެސް ހުއްޓާނުލާ ހޮސްޕިޓަލަށް ގުޅާފައިވާކަމަށާއި، އެމްބިއުލާންސް ފޮނުވީ އޭގެ 2 ގަޑިއިރު ފަހުން 6:15ގައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. އަދި ގެންދިޔައީ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ. ކޮވިޑް ފެސިލިޓީއަށް ގެންދިއުމުންވެސް ތުއްތު ކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދީ ދޮޅު ގަޑިއިރު ބާއްވާފައިވެއެވެ. އެވަގުތު ކޮވިޑް ފެސިލިޓީގައި ތިބީ ދެ ނަރުހުން ކަމަށާއި، އެ ދެ ނަރުހުންވެސް ހޮސްޕިޓަލަށް ގުޅާ ޑޮކްޓަރަށް ރިޕޯޓުކުރަމުންދިޔަ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ. އެހެން އޮވެ 7:40 ގައި ތުއްތު ކުއްޖާ ނިޔާވީއެވެ.

އެކުއްޖާގެ ބައްޕަ ބުނީ 7:43ގައި ހޮސްޕިޓަލުން ޑޮކްޓަރުންގެ ޓީމެއް އައިސްފައިވާކަމަށެވެ. އަދި އޭރު މާ ބޮޑަށް ލަސްވެފައިވާކަމަށެވެ. ދަރިފުޅުގެ ހަށިގަނޑުގެ ސްކޭނެއް ހަދަން ހޮސްޕިޓަލަށް ގެންދިއުމުގެ ހުއްދައަށް ހެނދުނު 9 ޖެހި އިރު ޑޮކްޓަރުން އެދުނު ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އެހެންނަމަވެސް ބައްޕަގެ ޖަވާބަކަށްވީ ދިރި ހުއްޓާ ނުގެންދިޔަ ތަނަކަށް ދެން ނުގެންދެވޭނެ ކަމަށެވެ.

މަގޭ ދަރި ދިރިހުއްޓާ ހޮސްޕިޓަލަށް ނުވައްދާފައި ދެން ނުގެންދެވޭނެ އެއްވެސް ތަނަކަށް
ތުއްތުކުއްޖާގެ ބައްޕަ

އެ އާއިލާގެ އެންމެން ކޮވިޑުން ރަނގަޅުވެފައިވާކަމަށާއި، ކަރަންޓީނުން ދޫކޮށްފައިވާކަން އެޗްޕީއޭއިންވެސް އެންގީ ހެނދުނު 11 ޖެހި އިރު ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. އެދުވަހުގެ 12 ޖެހި އިރު އެ ކުއްޖާގެ މަރަކީ ކޮވިޑްގެ މަރެއް ނޫންކަމަށް ހޮސްޕިޓަލުން އެންގި ކަމަށާއި، އަދި ކުއްޖާގެ މޫނު ދައްކަން ގެއަށް ގެންދިޔަޔަސް އެންމެ ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ބައްޕަ ބުނާގޮތުގައި އޭނާގެ ދަރިފުޅުގެ މަރުވެ ދިޔައީ 100 އިންސައްތަ ހޮސްޕިޓަލުގެ އިހުމާލުންނެވެ. ތުއްތު ކުއްޖާގެ މަރާއި ގުޅިގެން އެކުއްޖާ ނުބަލާނެ ކަމަށްބުނި ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އެހެންނަމަވެސް މި ހިސާބުން މި މައްސަލަ ހައްލުވީބާއެވެ. އާއިލާއަށް އިންސާފު ހޯދައިދެވުނީބާއެވެ. އާއިލާއާ ބައްދަލުކުރިތާ އެންމެ ތިން މަސް ފަހުން ވަކިވުމުން އެކުއްޖާގެ މަންމައާއި ބައްޕަ މިއަދު ކުރާނެ ހިތާމަ އިހުސާސްކޮށްލަން ދަތިވެދާނެއެވެ.

ތުއްތު ކުއްޖަކު ކުއްލިއަކަށް "ލޫސް މޯޝަން" ވުމަކީ ވަރަށްވެސް ސީރިއަސް ކަމެކެވެ. ބޮޑެތި މީހުންނާ ޚިލާފަށް ތުއްތު ކުދިންގެ ހަށިގަނޑުގައި މިފަދަ ކަންކަމާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބާރެއް ނުހުންނާނެއެވެ. އެހެންކަމުން އެ ހުރިހާ ކަމެއް އެނގިތިބެ އެ ކުއްޖާގެ ފަރުވާ ނުފަށައި ލަސްކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ މިންވަރު ހާމަކޮށްދޭކަމެއް ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންދެއެވެ.

މިއީ 100 އިންސައްތަ ހޮސްޕިޓަލުގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް އާއިލާއިން ބުނަމުންދާއިރު، އާޚިރުގައި މިކަމުގައި ޒިންމާ ނަގާނީ ކޮން ފަރާތެއްތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ނިޒާމު ހަރުދަނާ ވާނީ މިފަދަ ކިތައް މަރަށްފަހުތޯ ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް