ކ. މާލެ
|
19 އޮކްޓޯބަރ 2021 | އަންގާރަ 19:36
އެފްއައިވީބީގެ ރައީސް އަރީ ގްރާސާގެ ޝަރަފުގައި ކުޅުނު ބީޗް ވޮލީބޯޅަ މެޗަށްފަހު
އެފްއައިވީބީގެ ރައީސް އަރީ ގްރާސާގެ ޝަރަފުގައި ކުޅުނު ބީޗް ވޮލީބޯޅަ މެޗަށްފަހު
އިމޭޖަސް.އެމްވީ
ބީޗް ވޮލީބޯޅަ ޓީމެއް ތައްޔާރުކުރުން
ވީއޭއެމުގެ އަމާޒު 2028 ގެ އޮލިމްޕިކްސްއަށް
 
އެއްބަސްވުމާއެކު ބޮޑެތި ކަންތައްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި
 
ދުނިޔޭގެ އެންމެ މަތީ އެއް ކޯޗަކު ރާއްޖޭގެ ގައުމީ ޓީމާއެކު މަސައްކަތްކުރާނެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އަމާޒަކީ އެމެރިކާގެ ލޮސް އެންޖެލެސްގައި 2028 ވަނަ ބާއްވާ އޮލިމްޕިކް ގޭމްސްއަށް ދިވެހިރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމެއް ތައްޔާރުކުރުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ރަނޭ މިކަން ފާހަގަކުރެއްވީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީގެ ރައީސް އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލު ހިއްސާކުރުމަށް ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެފްއައިވީބީގެ ރައީސް ރާއްޖެ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން އެފްއައިވީބީއާއެކު ވީއޭއެމުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ފެންވަރު މަތިކުރުމާއި، ގްރާސްރޫޓުން ފެށިގެން މަތީ ފެންވަރާ ހަމައަށް ބީޗް ވޮލީބޯޅައިން ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ކަމަށްވާ ވޮލީބޯޅައިގެ ރައީސް، ރާއްޖެއަށް ޒިޔާރަތްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުން އެ ބޭފުޅާ ބޭނުންވަނީ ހަމައެކަނި ވޮލީބޯޅައަށް ކަމެއް ކޮށްދިނުމަށް ނޫން ކަމަށާއި، އޭގެ ބަދަލު ގްރާސާގެ ވިސްނުންފުޅު ހުންނެވީ މުޅި ދިވެހި ގައުމަށް ކަމެއް ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެފްއައިވީބީގެ ރައީސް އަރީ ގްރާސާގެ ޝަރަފުގައި ކުޅުނު ބީޗް ވޮލީބޯޅަ މެޗުގެ ތެރެއިން - އިމޭޖަސް.އެމްވީ

ރަނޭ ވިދާޅުވީ އެފްއައިވީބީގެ ރައީސް ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން އެފްއައިވީބީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޮޑެތި ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ކުރަން ނިންމިފައިވާ ކަމަށާއި، އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ހަތް ކޯޗުންގެ ތެރެއިން އެއް ކޯޗަކު ދެ އަހަރު ދުވަހަށް ރާއްޖޭގެ ގައުމީ ޓީމާ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއާއެކު ވީއޭއެމުގެ އަމާޒަކީ ލޮސް އެންޖެލެސްގައި 2028 ވަނަ ބާއްވާ އޮލިމްޕިކް ގޭމްސްއަށް ދިވެހިރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމެއް ތައްޔާރުކުރުން ކަމަށާއި، އެކަން ކުރާނީ ކުޅިވަރާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި އިންޓަނޭޝަނަލް ފެޑަރޭޝަންތަކާވެސް ގުޅިގެން ކަމަށް ރަނޭ ވިދާޅުވިއެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމެއް ބައިވެރިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބީޗް ވޮލީބޯޅައިން ފަހަކަށް އައިސް ރާއްޖޭގެ ކުޅުންތެރިން އަންނަނީ ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑަލް ހޯދިއިރު، ހަމަ އެ ގޭމްސްގައި އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފައެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ވޮލީބޯޅައިގެ ރައީސް ރާއްޖެ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަގާ ބެހޭ ގޮތުން ގްރާސާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ގްރާސާ ވަނީ އެމްއެމްޕީއާރްސީއާވެސް ބައްދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް