އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)އާއި ވިލާ ކޮލެޖުން ޓިކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާގެ ކޯސްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ވިލާ ކޮލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިއޭއެސްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ އައިޝަތު ޖެނީފާއެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކޮށްފައިވަނީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ.
މިކޯހާ ބެހޭ ގޮތުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަންވަރު ވިދާޅުވީ މިއީ ޓިކެޓިން އަދި ރިޒަވޭޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ. މިއީ ލެވަލް 3 ސެޓްފިކެޓެއްކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އައިލޭންޑް އެވިއޭޝަނުން ފުޅާ ދާއިރާގައި ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށެވެ. ޑރ. އަންވަރު ވިދާޅުވީ އެވިއޭޝަން އަދި މިނޫންވެސް ދާއިރާތަކުގައި ދަރިވަރުންނަށް މަތީ ތައުލީމް ދިނުމުގައި ވިލާ ކޮލެޖުން އިސްދައުރެއް އަދާކުރާ ކަމަށެވެ.
މީގެ އިތުރުން ޖެނީފާ ވިދާޅުވީ ވިލާ ކޮލެޖްގައި ޓިކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާގައި ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕްގެ ތެރެއިން އަމަލީ ތަޖުރިބާ ވަރަށް ފުރިހަމަ ގޮތުގައި ލިބޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރި މައިގަނޑު މަޤްޞަދަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ތަޖުރިބާ ހޯދުމުގެ މަގު ފަހިކޮށް ދިނުމަށާއި އަދި ފަންނުވެރި ޖީލެއް ބިނާކުރުން ކަމަށް ޖެނީފާ ވިދާޅުވިއެވެ.
ޖެނީފާ ވިދާޅުވީ މި އިންޓާންޝިޕްގެ ދަށުން މަސައްކަތުގެ މާހައުލަށް ލޯހުޅުވި މަސައްކަތަށް އަހުލުވެރިވެގެންދާނެ ކަމަށެވެ. އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް މަސްތަޤުބަލުގައި ގައުމީ އެއާލައިންގެ އިތުރުން އަދި އެކި އެއާލައިންތަކުން ވެސް ވަޒީފާގެ ފުރުސަތު ފަސޭހައިން ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން 28 ކުދިންނަށް ވުރެ ގިނަ ކުދިންނަށް ތަމްރީން ލިބިގެން ދާނެއެވެ. އަދި 250 އަށް ވުރެ ގިނަ ކުދިންނަށް 7 ޕްރޮގްރާމުން ފުރުސަތު ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ޕްރޮގްރާމެއް ފިޔަވާ އެހެން ހުރިހާ ޕްރޮގްރާމަކަށް އިއުލާން ކުރެވިގެން އަދި 10 ޕްރޮގަރާމަކުން ދަރިވަރުން ތަމްރީން ކުރެވެމުން ދެއެވެ. އަދި މިއަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި 250 ދަރިވަރުންގެ ތަމްރީން ނިމޭނެއެވެ.
މީގެ އިތުރުން އޭވިއޭޝަން ދާއިރާގެ ސޭފްޓީ އޮޕަރޭޝަންސްތަކުގެ ޓެކްނިކަލް ތަމްރީންތައް އަދި ޝޯޓްޓާރމް ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.