ކ. މާލެ
|
24 މެއި 2017 | ބުދަ 07:38
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓް
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
މަޖިލީހުގެ ނިންމުންތައް ދެން ފޮނުވަން ޖެހޭނީ ސުޕްރީމް ކޯޓަށް
ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު
ތިން ބާރު ވަކިކުރެވިފައިވަނީ ފާރަވެރިވެ ޒިންމާދާރުކުރުވުމަށް

ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ތިން ބާރު ވަކިވެފައި އޮތުމުގެ ހިކުމަތަކީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނެތި ފާރަވެރިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމުވާ ޚިދުމަތްތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ދީގެން މީސްމީހުން ބައިތިއްބާފައި ތިބެނީ މި މަގުސަދުތައް ހާސިލް ކުރުމަށެވެ.

 

ތިން ބާރު ވަކިކުރުމުގެ ބޭނުމަކީ އެއްވެސް ބާރަކަށް، ނުވަތަ އެއްވެސް އެއް ފަރުދަކަށް ހައްދެއް ނެތް ބާރެއް ނުދިނުމެވެ. ޗެކް އެންޑް ބެލެންސެސްގެ ނިޒާމެއް ގާއިމްކޮށް، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމެވެ. ބާރުތަކާއި ހަވާލުވެ ތިއްބަވާ ބޭފުޅުންނާއި، މުސްތަގިއްލު މުއައްސަސާތަކުގެ ވެރިންގެ އިތުރުން ޖުމްލަކޮށް މުޅި ދައުލަތް ވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާކަން ކަށަވަރުކުރުމެވެ. ކޮންމެ މަގާމަކީ ވެސް އަމަލުތަކަށް ޒިންމާވާންޖެހޭ، ޒިންމާދާރުކުރެވޭ، ޖަވާބުދާރީވާންޖެހޭ، ޖަވާބުދާރީކުރެވޭ މަގާމަކަށް ހެދުމެވެ. ކޮންމެ މީހަކާ ވެސް ގާނޫނު އަރާ ހަމަކުރާނެކަން އެމީހަކަށް އަންގައިދީ، ގާނޫނު އަރާ ހަމަކުރާ މަންޒަރު ދައްކައި، އެކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރު ކޮށްދިނުމެވެ.

 

ނައިބުގޭގެ އުނދޯލީގައި، ދުފާ ރަތްކޮށްލައިގެން އިންނަވައިގެން މުއްތަޙަމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދުއްރައިން ތެޅުމަށް ނައިބު މަނިކުފާނު ކުރައްވާ ހުކުމް ވަގުތުން ތަންފީޒްކުރެވޭ ހުކުމަކަށްވެ، އެ ހުކުމާމެދު އެއްވެސް މީހަކު އެއްވެސް ސުވާލެއް ނުކޮށް ތަބާވި ޒަމާން އަޅުގަނޑުމެން މާޒީއަށް ދޫކޮށްލައިފީމެވެ. ނައިބު މަނިކުފާނުކީ ހައްދެއް ނެތް، އެއްވެސް އިމެއް ނެތް ބާރެއް ލިބިފައިވާ ފަރާތެއް ކަމަށް ގަބޫލުކުރި ޒަމާން މާޒީއަށް ދޫކޮށްލިތާ އެތައް އަހަރެއް ފަހުން، މިއޮތް ފަދަ 21 ވަނަ ގަރުނުގައި އަނެއްކާ ވެސް އެ ގޮތްތައް މި ރާއްޖޭގައި އާލާކުރަން ފަށައިފި އެވެ.

 

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ދަށުން ރާއްޖެ ހިންގަން ފެށި ފަހުން، ދުސްތޫރީ ހަޔާތުގައި ކުރިމަތިލާންޖެހުނު އެންމެ ކަޅު ދުވަހަކީ 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަސް ކަމަށް ގާނޫނު ދަންނަ ބޭފުޅުން އެ ގެންދަވަނީ ވިދާޅުވަމުންނެވެ. ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ހުކުމަކުން މުޅި ނިޒާމު ފުނޑުފުނޑުވެ، ގާނޫނު އަސާސީގެ ބާރު ކެނޑިގެން ގޮސްފި ކަމަށް އެ ގެންދަވަނީ ވިދާޅުވަމުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު ރާއްޖޭގައި "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އެއްގެ ހުރިހާ ސިފައެއް ގާއިމްވެ ނިމިއްޖެ ކަމަށް ގާނޫނީ ބޭބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

 

ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ، މިނިސްޓަރުންގެ މައްޗަށް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ އެއްވެސް ސަބަބެއް އެ މައްޗަށް ބިނާވުމެއް ނެތި، ހަމައެކަނި ސިޔާސީ ނިންމުމެއްގެ މައްޗަށް މިނިސްޓަރަކު މަގާމުގައި ނުބެހެއްޓުމަށް ނިންމާ ނިންމުމެއް ނުވަތަ "ވޯޓް އޮފް ނޯ ކޮންފިޑެންސް" އެއް ނޫން ކަމަށާއި އެއީ ކަނޑައެޅި ބަޔާންވެގެންވާ ހަމަތަކެއްގެ މަތިން ސާބިތުކުރެވޭ "އިމްޕީޗްމެންޓް" އެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. ބަންޑާރަނައިބު އެ މައްސަލަ ހުށަހެޅުއްވީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައި ދިނުން އެދި އެވެ.

 

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

 

މިނިސްޓަރުން ވަކިކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައަޅައި ދެއްވުމަށް ބަންޑާރަނައިބު ކޯޓަށް ވަޑައިގެންނެވި ނަމަވެސް ސުޕްރީމް ކޯޓުން އިއްވި ހުކުމާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

 

އިތުބާރު ނެތް ކަމުގެ ވޯޓްތައް ނެގުމާ މެދު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވަނީ "ގާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެން ދާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހުގައި.." ކަމަށެވެ.

 

މި ހުކުމާއެކު ގާނޫނު ހެދުމުގެ ބާރާއި، އަދަލު އިންސާފު ގާއިމް ކުރުމުގެ ބާރު މަސްހުނި ނުވޭތޯ އެވެ؟ އެއް ބާރަށް އަނެއް ބާރުގެ މެންޑޭޓުގެ ތެރެއަށް ނުވަދެވޭތޯ އެވެ؟ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އައްޔަން ކުރާ މެންބަރުން މެދުވެރިކޮށް، ވެރިކަން ހިންގުމުގެ ބާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުމަށް ހުރަސް ނޭޅޭތޯ އެވެ؟ ގާނޫނު އަސާސީގައި ވަކި ގޮތެއް ކަނޑައަޅާފައިވަނިކޮށް، ގާނޫނު އަސާސީއާ ޚިލާފު ނުވެވޭތޯ އެވެ؟ މިއީ ޗެކްސް އެންޑް ބެލޭންސަސް ނުވަތަ ފާރަވެރިކަމާއެކު ދައުލަތް ހިންގުމުގެ ނިޒާމު އުވާލުމަށް ޖެހި ސިއްކައެއް ނޫންތޯ އެވެ؟ ދައުލަތުގެ ބާރުތައް ފަސް ފަނޑިޔާރުންގެ އަތްޕުޅަށް ޖަމާވެ، ޖުޑިޝަލް ޑިކްޓޭޓާޝިޕެއް ގާއިމްވެގެން ނުދޭތޯ އެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް