ކ. މާލެ
|
14 އޮކްޓޯބަރ 2021 | ބުރާސްފަތި 11:45
ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް، ރާއްޖެއާ އިންޑިއާ ކުޅުނު މެޗު ބައްލަވާލައްވަނީ
ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް، ރާއްޖެއާ އިންޑިއާ ކުޅުނު މެޗު ބައްލަވާލައްވަނީ
ރައީސް އޮފީސް
ގައުމީ ޓީމަށް ރައީސްގެ ތައުރީފު
ގައުމީ ޓީމުން ދެއްކި ކުޅުމަށް ފަޚުރުވެރިވޭ: ރައީސް
ފައިނަލުން ޖާގަ ނުލިބުނަސް ޓީމަށް ތައުރީފު ހައްގު ކަމަށް ރައީސް ވިދާޅުވި
ރާއްޖޭން ކުޅުނު ހުރިހާ މެޗެއް ބެއްލެވުމަށް ރައީސް ދަނޑަށް ވަޑައިގެންނެވި
ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުންތަކެއް ހޯދާނެ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ދެއްކި ހިތްވަރު ގަދަ ކުޅުމާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މުބާރާތް ރާއްޖޭގައި އޮތުމުން ތަށި ދިފާއުކުރުން ވެފައި އޮތީ ރާއްޖޭގެ އެންމެ ބޮޑު އަމާޒުކަމުގައެވެ. އެހެންނަމަވެސް ފައިނަލަށް ދިއުމަށްޓަކައި ކުޅުނު ފަހު މެޗުން އިންޑިއާ އަތުން ބަލިވެ ރާއްޖެއަށްވަނީ މުބާރާތުގެ ފައިނަލުން ޖާގައެއް ނުލިިބި ކަޓާފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ހުރިހާ މެޗެއް ބެެއްލުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދަނޑަށް ވަޑައިގެންނެވިއެވެ. ބުދަ ދުވަހުގެރޭގެ މެޗަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކުޅުމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ފައިނަލުން ޖާގަ ނުލިބުނަސް ޓީމަށް ތައުރީފު ހައްގުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޓީމަށް ހިތްވަރު ދެއްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުންތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.

ރާއްޖޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ އިންޑިއާއާ ބައްދަލުކުރި މެޗުގައި 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ލީގު ބުރުގެ އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާއިރު، އިންޑިއާ އަތުން ބަލިވުމުން ރާއްޖެއަށް ލިބުނީ ތިންވަނައެވެ. އެއާއެކު މި މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ނޭޕާލާއި އިންޑިއާއެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

- ކޮމެންޓް