ރަމަޟާން ވެޓަރަންސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ރަނަރަޕް ކްލަބު ވެލެންސިޔާ ވާދަކުރަން ޖެހިއްޖެ އެވެ.
މޯލްޑިވްސް ސޮކާއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މި ދެޓީމު ބައްދަލުކުރާ އިރު މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމު ވާދަކުރެއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ބުރުގެ ގުރޫޕު ސްޓޭޖުން ކުރި ހޯދާ ޓީމުތައް ދެން ވާދަ ކުރާނީ ދެވަނަ ބުރުގެ ގުރޫޕު ސުޓޭޖްގައެވެ. އެގޮތުން މިބުރުގެ ގުރޫޕު 1 ގައި ހިމެނޭނީ ފުރަތަމަ ބުރު ގުރޫޕު އޭގެ އެއްވަނަ އާއި ތިންވަނައިގެ އިތުރުން ގުރޫޕު ބީގެ ދެވަނައެވެ.
ގުރޫޕު ދޭއްގައި ހިމެނޭނީ އޭ ގުރޫޕު އަދި ބީ ގުރޫޕުން އެންމެ ދަށް ނަތީޖާއެއް ހޯދި ޓީމުގެ މެދުގައި ކުޅޭ ޕުލޭ އޮފުން ކުރި ހޯދާ ޓީމާއި އޭ ގުރޫޕުގެ ދެވަނަ ޓީމާއި ބީ ގުރޫޕުގެ އެއްވަނަ ޓީމެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ގުރޫޕު އެކެއްގެ އެއްވަނަ ޓީމާއި ދޭއްގެ އެއްވަނަ ޓީމެވެ. މި މެޗުން ކުރި ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާއިރު ބަލިވާ ޓީމަށް ތިންވަނަ ސެމީއިން ޖާގަ ލިބޭނެއެވެ. ތިންވަނަ ސެމީގައި އެޓީމާއި ވާދަ ކުރާނީ ދެވަނަ ސެމީ އިން ކުރި ހޯދާ ޓީމަކާއެވެ.
ދެވަނަ ސެމީގައި ވާދަކުރާނީ ގުރޫޕު އެކެއްގެ ދެވަނަ އާއި ގުރޫޕު ދޭއްގެ ދެވަނަ ހޯދާ ޓީމު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ދެވަނަ ބުރުގައި ވާދަކުރާނީ ދެ ގުރޫޕުން ވެސް ކުރި ހޯދާ ޓީމުތަކެވެ.
މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ނިއުރޭޑިއަންޓާއި ކްލަބް ވެލެންސިޔާގެ އިތުރުން ކްލަބް އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ގްރީން ސްޓްރީޓް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު ހަވީރު އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓާފް ދަނޑުގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 24 ގައެވެ.