ޖިހާދަށް ފޮނުވުމަށް ޖަލުގައި ޓްރެއިން ކުރާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
މުހައްމަދު ރަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އަންގާރަ ދުވަހުގައި ހުށަހެޅުނު، ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭނގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ދެމުން ނުދާ ކަމަށްބުނެ ހުށަހެޅުނު މައްސަލައަށް ވާހަކަދައްކަވަމުންނެވެ. މުހައްމަދު ރަޝީދު ވިދާޅުވީ، މިހާރުވެސް އެތައް ސަތޭކަ ބަޔަކު ވާނުވާގައި ތިބިއިރު އެތަނުގައި ކުރާ މައިގަނޑު ކަންތަކަކީ، މަސްތުވާތަކެތި ވިއްކުމާއި، ބޭންކް އެކައުންޓްތަކުގައި ހުންނަ ފައިސާ އޮޅުވާލައިގެން ހޯދުމާއި، މޮބައިލް ފޯނު ވައްދައިގެން މިޝަންތައް ހިންގުން ކަމުގައެވެ.
ސިއްޙީ ޚިދުމަތް ނުދެވި ފަރުވާ ނުދެވޭ ވަހަކައަކީ އައު ވާހަކައެއް ނޫން ކަމަށެވެ. އެމްޑީޕީން ތަކުރާރުކޮށް މި ވާހަކަ ދައްކާ ކަމަށާއި، ބޯނެ ފެންފޮދެއް ނުދީ ވެސް އެތަނުގައި ބައިތިއްބާފައި އެބަހުރި ކަމަށެވެ. އެވާހަކައަކީ ތަކުރާރުކޮށް އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ވާނުވާ ޖަހާ ޖަލަށް މީހުން ގެންގޮސް އެމީހުން ރިހެބިލިޓޭޓް ކުރުމަށް ޕްރޮގްރާމްތަކެއް ޖަލުގައި ނުހިންގާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މުޖުތަމަޢަށް ރިހެބިލިޓޭޓްކޮށް ޖަލުން ރިހެބިލިޓޭޓް ނުކޮށް މިކަން ރަނގަޅު ނުވާނެ ކަމަށާއި، މިއީ ޚާއްސަ ނިޒާމެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ވާނުވާ ބަންދުގައި ބިދޭސީންނާއެކު މިހާރު ޖަލުގައި ތިބި މީހުންގެ އަދަދު 370ށްވުރެ އިތުރުވާނެކަން ޔަގީން ކަމަށާއި، ބިދޭސީންނާއެކު ތިބީ ކިހާ ބައެއްތޯ މަޖިލީހަށް އެނގޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މުޖުތަމަޢަށް ކުށްވެރިން ބަލައިގަނެވޭނެ ސިޔާސަތެއް ހެދުން މުހިއްމު ކަމަށާއި، ޖަލުން ނުކުންނަ އެތައް ބަޔަކު ޖިހާދަށް ދާން ތައްޔާރަށް ތިބޭކަމަށް ވިދާޅުވިއެވެ. މިކަމަށް ޖަލުގައި ޓްރެއިން ކުރާކަން އެއީ އެނގޭ ހަގީގަތެއް ކަމަށްވާއިރު އެކަން ބަލަންޖެހޭ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ހުރިހާ ކުށްވެރިން އެއްތަނެއްގައި ގެންގުޅުމަކީ އެކަމުން ނުރަނގަޅު އަސަރު އެންމެންނަށް ކުރާ ކަމެއް ކަމަށާއި، މިކަން ބެލުމަށް ރަނގަޅު ނިޒާމެއް މިކަން އެކުލަވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. ސިސްޓަމް ރަނގަޅަށް ހިނގާނެ ގޮތެއް މަޖިލީހުގެ ތެރެއިން ވެސް ހޯދަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.