ކ. މާލެ
|
12 އޮކްޓޯބަރ 2021 | އަންގާރަ 11:41
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ވާނުވާ ބަންދުގައި ތިބޭ މީހުން
ވާނުވާގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންދެވި އެއްވެސް މީހަކު ޖަލުގައި ނުހުންނާނެ - ސަލީމް
ކުށަކަށް ކުރެވޭ ތުހުމަތެއް ނޭނގުނަސް ޖަލުގައި ބަންދުކޮށްފައި ތިބުމަށް ނިމުމެއް ގެނެސްފައި
މިހުރިހާ ދުވަސް ވަންދެން ނުކުރެވި ހުރި ކަންކަން ކުރަން ވަގުތު ނަގާނެ
2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބަންދު ކުރި 2 މީހަކު ބޭސްފަރުވާ ނުލިބި ޖަލުގައި ނިޔާވެފައި

ވާނުވާގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންދެވި އެއްވެސް މީހަކު ޖަލުގައި ނުހުންނާނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭނގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދޭތީ އެމައްސަލައަށް ހައްލެއް ހޯދުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލައިގެ ހަގީގަތަށް ބަލައިލަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ވާނުވާއަށް ބަލާއިރު، މީގެ ކުރިން ކުށަކަށް ކުރެވޭ ތުހުމަތެއް ނޭނގުނަސް ޖަލުގައި ބަންދުކޮށްފައި ތިބޭ ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ވައުދުވި ކަމަށެވެ. އެގޮތުން އެމްޑީޕީގެ 65 މެމްބަރުންގެ ވޯޓާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް ގާނޫނު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވާނުވާ ނޭނގި މިހާރު ޖަލުގައި މީހަކުން ނުހުންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ފަނޑިޔާރެއްގެ ކުރި މައްޗަށް ނުގެންދެވި މީހަކު މީހަކު ޖަލުގައި ނުހުންނާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި 3 ވަނަ އިސްލާހުގައި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގައި ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެ ކަމަށެވެ. އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ، ޝަރީއަތް ބާރު ދުވެލީގައި ހިންގަން ޖެހޭ ކަން ގަބޫލު ކުރައްވާ ކަމަށާއި، އެތަކެއް އަހަރެއްގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށައިގެންފައިވާއިރު، މިހުރިހާ ދުވަސް ވަންދެން ނުކުރެވި ހުރި ކަންކަން ކުރަން ވަގުތު ނަގާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މި ސަރުކާރުން ފުރަތަމަ ފަހަރަށް ޖަލުގައި ކްލިނިކެއް ގާއިމްކުރިކަން ސަލީމް ފާހަގަކުރެއްވިއެވެ. ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ބަންދުކޮށްފައި ހުއްޓަސް ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭކަން ގަބޫލުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުރީގައި ޖަލުގައި ހިނގާފައިހުރި ބައެއް ހާދިސާތަކަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ، 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބަންދު ކުރި 2 މީހަކު ބޭސްފަރުވާ ނުލިބި ޖަލުގައި ނިޔާވެފައިވާކަމަށެވެ. އަދި 7 މަހު ޖަލު ހުކުމެއް ނިންމައި، ނުކުތް މީހަކަށް ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ފައިގެ އިނގިލި ބުރިކޮށްފައި ހުރިކަން ރެކޯޑްތަކުން ފެންނަން އެބައޮތް ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން މިހާތަނަށް ޖަލުގައި ތިބި ގައިދީންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ، މިހާތަނަށް 1،787 ގައިދީއަކު ސްޕެޝަލިސްޓުންނަށް ދައްކާފައިވާ ކަމަށާއި، 6،216 މީހަކު އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި މާލެ ގެނެސް ފަރުވާދޭން ޖެހޭ ހާލަތުގައި އެކަން ވެސް ކުރަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.

ގައިދީންނަށް މީގެ ކުރިން އަޅާނުލާ މިންވަރަށް މި ސަރުކާރުން އަޅާލާކަން ސަލީމް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
ކޮމެންޓް