ކ. މާލެ
|
11 އޮކްޓޯބަރ 2021 | ހޯމަ 18:38
ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ވާހަކަދައްކަވަނީ،
ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ވާހަކަދައްކަވަނީ،
ރާއްޖެއެމްވީ
ރާއްޖެއަށް ތައުރީފު ކުރުން
ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބްގެ ތައުރީފް ރާއްޖެއަށް!
ކޮވިޑް-19އާއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މެނޭޖްކޮށްފައިވޭ
މެހަމާންދާރީގެ ސަބަބުން ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާނެ
2022 ވަނަ އަހަރު ވެސް ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށް

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ 98 އިންސައްތަ ބަންދުކޮށްފައިވަނިކޮށް، ރާއްޖޭގެ ބޯޑަރު ހުޅުވާލާ ކުރި މަސައްކަތްތަކަކީ މުޅި ދުނިޔެއަށް މިސާލެއް ކަމަށް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލީ ވިދާޅުވެއްޖެއެވެ.

'ޕްލާސްޓިކް ޕޮލިއުޝަން ޗެލެންޖް 2021'' ގްލޯބަލް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ހަތަރު ފައިނަލިސްޓުންނާ ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުރަބް ވިދާޅުވީ ޓޫރިޒަމް ޑެސްޓިނީއަކަށް ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ވުރެ ފުރިހަމަ ގައުމެއް ނޯންނާނެ ކަމަށެވެ.

ކޮވިޑް-19އާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަމުގެ ސިނާއަތަށް މިހާތަނަށް ލިބުނު ކުރިއެރުންތަކަކީ އެހެން ގައުމުތަކަށް މިސާލެއް ކަމަށެވެ. އަދި ކޮވިޑް-19އާއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މެނޭޖްކޮށްފައިވާކަން ޒުރަބް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމަށް އިޝާރާތް ކުރައްވައި ޒުރަބް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖެއިން ލިބޭ ޚިދުމަތްތަކާއި، މެހުމާންދާރީގެ ސަބަބުން ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ޒުރަބް ވިދާޅުވީ ފަތުރުވެރިކަމާއެކު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި ޒުވާން ޖީލުތައް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ތިމާވެއްޓާ ބެހޭ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ.

ޒުރަބް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތާއި އެހެން ސިނާއަތްތައް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ލިބެމުންދާ ކާމީޔާބީއާއެކު ވަޒީފާތައް އިޔާދަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ވެސް އަމަލުކުރާ ގޮތަށް އަމަލުކޮށް ކުރިއަށްދާނަމަ 2022 ވަނަ އަހަރު ވެސް ވެގެންދާނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށް ޒުރަބް ވިދާޅުވިއެވެ.

- ކޮމެންޓް