7 ފެބްރުއަރީ 2012ގައި ސަލާމަތީ ބާރުތަކުން ޓީވީ މޯލްޑިވްސްއަށް ވަދެ، އެތަނަށް ޓެރަރިސްޓު ހަމަލާއެއް ދިން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހެޅުއްވި މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ބަލަން ނިންމައިފިއެވެ.
ޓީވީއެމަށް ގަދަކަމުން ވަދެ ބްރޯޑްކާސްޓިން ހުއްޓުވައި ތަން ހިސޯރު ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް އެއިރު އެކަމުގެ އަޑީގައި ތިބި ސިޔާސީ ބައެއްގެ އޯޑަރަށް ދިވެހި ފުލުހުންނާއި ސިފައިންނެވެ.
މި މައްސަލަ ބަލަން ނިންމާފައިވާކަން އަންގައި އެ އޮފީހުން ބުނެފައިވަނީ މިއީ 7 ފެބްރުއަރީގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ޓީވީއެމްއަށް ސަލާމަތީ ބާރުތަކުގެ ޔުނީފޯމު އަޅައިގެން ތިބި ބަޔަކު ވަދެ، ލައިވް ފްރިކުއެންސީ ހުއްޓާލުމަށްފަހު، ވީޓީވީ ޗެނަލް ދައުލަތުގެ މީޑިއާގެ ފްރިކުއެންސީން ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ތަނުގެ މުވައްޒަފުންނަށް ބިރު ދައްކާފައިވާކަމަށް ވެސް މި މައްސަލައިގައި ބުނެފައިވެއެވެ.
އޮމްބަޑްސްޕަރސަން އޮފީހުން ބުނީ، މި މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މިއީ އާންމު މަސްލަޙަތާ ވެސް ނުހަނު ގުޅުންހުރި މައްސަލައެއްކަން ފާހަގަކޮށް އެ އޮފީހުން ބުނީ، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތަކާ ގުޅޭ ކަންކަމުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
7 ފެބްރުއަރީ 2012ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާއާއި އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަޣާވާތެއް ކޮށްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ އިރު، މި މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފްް ހޯމްއެފެއާޒެވެ.
މި މައްސަލައިގައި ދައުލަތުގެ މީޑިއާގެ އިމާރާތަށް ބަޑިޖެހި މީހުންނާއި އެތަނަށް ވަނީ ކޮން ބައެއްކަން ސާފުކޮށްދިނުމަށް އެދިފައިވާ އިރު، އެމީހުން ވަތް ހައިސިއްޔަތާއި، އެކަން ކުރުމަށް އަމުރު ނެރުނީ ކޮންބައެއް ކަމާއި، މުވައްޒަފުން ރަހީނުކުރަން އަމުރުކުރީ ކޮން ބައެއް ކަމާއި، ފްރިކުއެންސީ މެދުކަނޑާލަން ޖެހުނު ސަބަބުން ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ޖުމްލަ 16 ކަމެއް ފަރުވާގެ ގޮތުގައި އެދިފައިވެއެވެ.