ފަލަސްތީނާއި އިޒްރޭލަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި އެދެގައުމުގެ މެދުގައި ސުލްހަ ޤާއިމްކުރުމުގެ ބަދަލުގައި އީރާނަށް ބަހުގެ ހަމަލާތައް ދެއްވައިފިއެވެ.
އިޒްރޭލުގެ ރައީސް ރެއުވެން ރިލްވިންސް އާ ބޭއްވެވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ އީރާނަށް ވަރަށް ގަދަޔަށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ.
އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާނަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށާއި އީރާނަށް އެކަމެއް ނުވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައި އީރާނަށް ރަނގަޅު ނިއުކްލިއާ އެއްބަސްވުމެއް ލިބުނު ކަމަށެވެ.
އީރާނުން ޓެރަރިސްޓުންނަށް ފަންޑު ދިނުމާއި އެމީހުން ތަމްރީން ކުރުން ހުއްޓުވާނެ ކަމަށާއި ޝުކުރުވެރިވުމުގެ ބަދަލުގައި ޓެރަރިޒަމަށް ހިތްވަރު ދިނުން އީރާނުން އިސްކުރާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިޒްރޭލުގެ ދަތުރުފުޅުގައި އީރާނަށް ބަހުގެ ޙަމަލާތައް ދެއްވުމުގެ އިތުރުން ސައުދީގައި ބޭއްވުނު ސަމިޓްގައި ވެސް އީރާން އެކަހެރި ކުރުމަށް ޓްރަމްޕް ގޮވާލައްވާފައި ވެއެވެ.
މި ދަތުރުފުޅާ ދިމާކޮށް އިޒްރޭލުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށް، ޓްރަމްޕް އިޒްރޭލުގައި ހުންނަވަނިކޮށް ރޮކެޓް ހަމަލާއެއް ވަނީ ދިފައެވެ.
އިސްރާއީލްގެ ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް އެރިކަން އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހަމަލާ ދީފައި ވަނީ މިސްރުގެ ސީނާ ސަރަހައްދުންނެވެ.
އިޒްރޭލާ މިސްރުގެ ސީނާ ސަރަހައްދަށް ދެމެދު 240 ކިލޯ މީޓަރު ދިގު ސަރަހައްދީ ރޮނގެއް އޮވެއެވެ.
ފަލަސްތީނާއި އިޒްރޭލަށް ވަޑައިގަތުމުގެ ކުރިން އެދެގައުމުގެ މެދުގައި ސުލްޙަ ޤާއިމްކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަސް ވިދާޅުވިޔަސް އިޒްރޭލަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ ގާއިމް ކުރުމަކީ އުދަނގޫ ކަމެއް ކަމަށެވެ.