ހޮނިހިރު ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމި އެކުވެރިކަމުގެ މެޗުގައި އަންނަަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރު އަތުން ޕޯޗުގަލް މޮޅުވިއިރު، އެ މެޗާއެކު ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރިކޯޑެއް ހަދައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗާއެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔޫރަޕުގެ ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރިކޯޑު ހަދާފައެވެ. ރޮނާލްޑޯ އެ ރިކޯޑު ހެދީ ޕޯޗުގަލަށް 181 މެޗު ކުޅެދީގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ ސްޕެއިނަށް 180 މެޗު ކުޅެދީފައިވާ ސާޖިއޯ ރާމޯސްގެ އަތުގައެވެ.
ޔޫރަޕުގެ ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރިކޯޑު ރޮނާލްޑޯ ހެދިއިރު، މުޅި ދުނިޔެއިން ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރިކޯޑު އޮތީ މެލޭޝިއާގެ ސޯ ޗިން އެންގެ އަތުގައެވެ. އޭނާ ވަނީ 1984 ވަނަ އަހަރު ރިޓަޔާކުރުމުގެ ކުރިން މެލޭޝިއާގެ ގައުމީ ޓީމަށް 195 މެޗު ކުޅެދީފައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޕޯޗުގަލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ 37 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރިކޯޑު މިދިޔަ ސެޕްޓެމްބަރު މަހު ރޮނާލްޑޯ މުގުރާލާފައިވާއިރު، މިއީ ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން 112 ވަނަ ލަނޑެވެ.
ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލުން ލީޑު ނެގިއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖޯސޭ ފޮންޓް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ޕޯޗުގަލުން ޖެހި ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ.
މި މެޗުން ޕޯޗުގަލް މޮޅުވިއިރު، އެ ޓީމުން ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ލަގްޒަމްބާގާއެވެ.