ކ. މާލެ
|
23 މެއި 2017 | އަންގާރަ 19:21
މާރިޔާ 3 އިން ސަލާމަތް ކުރި މީހުން އާއިލާ އާއި ބައްދަލުކުރަނީ
މާރިޔާ 3 އިން ސަލާމަތް ކުރި މީހުން އާއިލާ އާއި ބައްދަލުކުރަނީ
މުހައްމަދު ޝަރުހާން
މަރިޔާ 3 ކޮޅުވެއްޓި
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"
އެންމެ އުފާވީ އަނބިމީހާ ކައިރީގައި ހުރުމުން: ނައީމް
އެހީއަށް އެދުމުން އަނބުރާލައި، ދިޔައީ ދުރަށް
ކާގޯ ބޯޓު ކޮޅުވެއްޓިއާއި ކައިރިކުރީ ހުކުރު ދުވަހުގެރޭ

މޭ 16 ވަނަ ދުވަހުގެ ރެއިން ފެށިގެން ޚަބަރެއް ނުވުމުން، މޭ 18 ވަނަ ދުވަހު ހޯދަންފެށި "މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ފެނުމާއި، އޭގައި ތިބި 6 މީހުން ރައްކަތެރިކަމާއެކު މާލެއަށް ގެނެވުމަކީ ދިވެހި ކޯސްޓްގާޑަށް ލިބުނު ބޮޑު ކާމިޔާބެކެވެ. މި އޮޕަރޭޝަންގެ މުހިއްމު ބައެއް އިންޑިއާގެ ކަނޑުގެ ސިފައިން އަދާ ކުރުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެކެވެ.

މި ހާދިސާގެ ތެރެއިން މުހިއްމު ދެކަމެއް ފާހަގަވެގެން ދިޔައެވެ. މި ދެންނެވުނު ދެ ކަމަކީ ދިމާ އިދިކޮޅު ދެކަމެވެ. އެއްކޮޅުން ލޯތްބެވެ. އަނެއްކޮޅުން އިންސާނިއްޔަތުކަމެއް ނެތްކަމެވެ.

ކޮޅުވެއްޓިން ސަލަމަތްކުރި ހަ މީހުން މާލެއަށް ގެނައުމުގެ ކުރިން އެމީހުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިވެހި ކޯސްޓްގާޑުން ވަނީ ދިވެހި މީޑިއާއަށް ދީފައެވެ. ކޮޅުވެއްޓީގެ ކައްޕި އާއި ފަޅުވެރިން ވަނީ އެމީހުންގެ ތަޖުރިބާ މީޑިއާ އާއި ހިއްސާކޮށްފައެވެ.

އެ ވާހަކަތަކުގެ ތެރެއިން އެންމެ ކަންބޮޑުކުރުވި ވާހަކައަކީ ކޮޅުވެއްޓި ގެއްލިގެން އުޅުނު އިރު، މޭ 19 ވަނަ ދުވަހުގެރޭ އެ އުޅަނދާއި ކާގޯ ބޯޓެއް ގާތްކޮށް، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔަ ވާހަކައެވެ.

"ރާއްޖެއާ ސަތޭކަ ނަވާރަ ވަރަކަށް މޭލު ކައިރިވިތަނުން، އެރޭގެ ހަތްގަޑި ބަޔާއި އަށާކާ ދޭތެރޭގައި، ކަނޑުބޯޓެއް އައި ކައިރިއަށް. އައިސް ހަމަ ދިމާލަށް ކައިރިކުރީ. ކައިރިކުރީމަ އަހަރުމެން އަލިފާން ޖަހާ ގޮތްގޮތް ހަދަން ފެށީމަ، އަނބުރާލާފަ ދުރަށް (ދިޔައީ). އެ ދިޔަގޮތަށް އެމީހުން ދިޔައީ. (ކޮންބޯޓެއް ކަމެއް) ނޭނގޭ. އެ އިނގޭ ކާގޯ ބޯޓެއްކަން. އެ ދިޔައީ މީމާއި ތާޔާ ދޭތެރެއިން ހުޅަނގުބިތަށް. އަޅުގަނޑުމެން އެވަގުތު ބަލައިލިން އޭތި ދަތުރުކުރާ ގޮތް. އޭރު ދިޔައީ އެހެން" ކޮޅުވެއްޓީގެ ކެޕްޓަން، އާދަމް ނައީމް ކިޔައިދިނެވެ.

ނައީމް ފާހަގަކުރި ގޮތުގައި އެ ބޯޓަކީ ރާއްޖޭގެ ބޯޓެއްތޯ، ނުވަތަ އެހެން ޤައުމެއްގެ ކާގޯ ބޯޓެއްތޯ ޔަޤީން ނުވާތީ، މި ދަނޑިވަޅުގައި ދިވެހިންގެ އެއްބައެއްވަންތަކަމާއި، އަޚުވަންތަކަމާއި މެދު އެއްވެސް އެއްޗެއް ބުނުމުގެ ޖާގައެއް ނެތެވެ. ނަމަވެސް އެއީ ކޮންމެ ބަޔަކު ނަމަވެސް، ކަނޑުމަތިވެ ހާލުގައި ޖެހިފައިވާ ބަޔަކު އެހީއަށް އެދުމުން، އެގޮތަށް އެހީނުވެ ދާން ކެރޭނީ ހަމަ ގައިމު ވެސް އިންސާނިއްޔަތުކަމެއް ނެތް ބަޔަކަށެވެ. އެއީ ބޮޑުވެގެންވާ ކުށެކެވެ.

މި ވާހަކައިން ހިތަށް ކުރުވި އަސަރާއި ކަންބޮޑުވުން ނައްތާލައި ހިތަށް ފިނިކަމެއް ނެގެސްދިނީ ނައީމް ފާހަގަކުރި އެހެން ވާހަކައަކުންނެވެ.

"އެއްވެސް ކަހަލަ ބިރުވެރިކަމެއްގެ އިހުސާސެއް ވެސް ނެތް. ދެން ހުސްއެކަނި އައިލާ އެއްވެސް މީހަކާ ނުގުޅޭކަން. އިތުރު އެއްވެސް ކަމެއް ނެތް. ދެން ވަރަށް ހިތްހަމަޖެހުނު އަބަދު އަންހެނުން ހުރީ ކައިރީގައި. އެންމެ އުފާވި ކަމަކީ އެއީ. މިކަހަލަ ހާދިސާއެއް ދިމާވީރު ނަސީބަކުން ކައިރީގަ ހުރެވުނުކަން. އެހެން ނޫން ނަމަ ދެން އޭނާގެ ހާލަތު މާ ދަށްވީސް ކަންނޭނގެ ފެންނަން ނެތި، ކައިރީގަ ނެތީމަ" ނައީމް ކިޔައިދިނެވެ.

މި ހާދިސާ ހިނގި އިރު، ނައީމްއާ އެކު އޭނާގެ އަންހެނުން ޒުލައިހާ އުސްމާން ހުރުން ވެގެން ދިޔައީ ނައީމް ބުނި ގޮތުގައި އޭނާއަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ.

އެ ދެމަފިރިންގެ ލޯބި ވެގެން މި ދިޔައީ މި ހާދިސާގެ ޚަބަރު ބެލި އެންމެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލުމަށް އެހީވި ސަބަބަކަށެވެ.

ސެނޮކް ކުންފުންޏަށް ނިސްބަތްވާ މި ކޮޅުވެއްޓީގައި ނައީމްއާ އެކު އޭނާގެ އަންހެނުންގެ އިތުރުން ބިދޭސީ 4 ފަޅުވެރިންވެސް ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 3 ރައްޔިތަކާއި އަވަށްޓެރި ސްރީލަންކާގެ ރައްޔިތެކެވެ.

ރާއްޖޭގައި 15 އަހަރު، ސެނޮކް ކުންފުނީގެ ވަޒީފާގައި 9 އަހަރު ހޭދަކޮށްފައިވާ ސްރީލަންކާއަށް ނިސްބަތްވާ ފަޅުވެރިޔާ ކިޔައިދިން ގޮތުގައި، ހާލުގައި ޖެހުނު އިރު، ކޮޅުވެއްޓީގައި ފުދޭ މިންވަރަކަށް ކާތަކެތި ހުރިނަމަވެސް، އެ ހާލަތުން ސަލާމަތްވާނެ ދުވަހެއް ނޭނގޭތީ ކާތަކެތި ބޭނުންކުރީ ފަހަށް ރައްކާކޮށްގެންނެވެ.

އޭނާ ކިޔައިދިން ގޮތުގައި އަނެކާއަށް ލިބޭ ކާއެތިކޮޅު މަދުވެދާނެކަމަށް ބަލައި، ބައެއް ފަހަރު ބިސްގަނޑެއް އެކަނި ކައިގެންވެސް ހުންނަން ޖެހުނެވެ. ހާލުގައި ޖެހުނު ވަގުތު މަސައްކަތްކުރީ ވަރަށް ވިސްނައިގެން ކަމަށާއި، ސަލާމަތްވާނީ ކޮން ދުވަހަކުންކަން ނޭނގުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

މި ހާދިސާ ހިނގާދިއުމުގައި، ވިއްސާރައިގެ ސަބަބުން ކޮޅުވެއްޓީގެ ރޭމްޕް ކަނޑައިގެން ދިއުން ނޫން ސަބަބެއް ކުރިމަތިވެފައި ނުވާކަމަށާއި، ކޮޅުވެއްޓީގައި ސަލާމަތީ ގޮތުން ހުންނަންޖެހޭ ހުރިހާ ކަންކަމެއް ފުރިހަމަކޮށްފައި ހުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް