ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ ސަސްޕެންޝަން ހަތަރު މަހަށް ފަހު އުވާލައިފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވުމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު މަހުލޫފު މަގާމުން އެކަހެރި ކުރައްވާފައެވެ. ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވަނީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވީނަމަވެސް، މަހުލޫފު އަލުން އޮފީހަށް ނިކުންވަން އެންގެވީ މަހުލޫފު މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތުމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ވަނީ ފޮނުވާފައެވެ. އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ. އޭސީސީން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.
މި މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި ވެސް މަހުލޫފް ވަނީ ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަމުގެ ޔަގީންކަން އެރުވުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން އުވާލާ މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ވަނީ ހަވާލު ކޮށްފައެވެ.