ކ. މާލެ
|
9 އޮކްޓޯބަރ 2021 | ހޮނިހިރު 18:44
ސްކޫލެއްގެ ޓީޗަރުންތަކެއް
ސްކޫލެއްގެ ޓީޗަރުންތަކެއް
މުހައްމަދު ޝަރުހާން
އަންހެން ޓީޗަރުން ގިނަވުން
މިހާރު ގޮވަނީ ''ސަރ''އަކަށް ނޫން، ''މިސް''އަށް!
 
ކުރިއަށް އޮތްތަނުގައި މިދާއިރާއަށް ނުކުންނަ އަންހެނުން ގިނަވާނެ
 
މީގެ ތެރެއިން 72 އިންސައްތައަކީ އަންހެނުން
 
ރާއްޖޭގެ ސްކޫލުތަކުގައި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމުން

މީގެ އަހަރުތަކެއް ކުރިއެވެ. ސްކޫލަކަށް ވަންނައިރު ގިނައިން އަޑު އިވޭނީ ''ލައްބަ ސަރ''އޭ ބުނާ އަޑެވެ. މަދު ފަހަރެއްގައި ''ލައްބަ މިސް''އޭ ބުނާ އަޑު އިވިދާނެއެވެ. ނަަމަވެސް ގިނަފަހަރަށް އެހެން ގޮވާލާ އަޑު އިވޭނީ ބިދޭސީ ދިވެހި ޓީޗަރަކާ ދިމާލަށެވެ. މިއީ ދަރިވަރުން ވެސް ފާހަގަކުރާ ކަމެކެވެ. މަދު ފަހަރެއްގައި ނޫނީ ދިވެހި އަންހެން ޓީޗަރަކާ ދިމާލަށް މިސްއޭ ގޮވާލަން ފުރުސަތު ނުލިބޭނެއެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. މިއަދު ގިނައިން އަޑު އިވެނީ މިސްއަށް ގޮވާ އަޑެވެ.

މިއަޑު ގިނައިން އަޑު ނީވެންވީ ސަބަބެއް ވެސް ނެތެވެ. ހުރިހާ ދާއިރާގައި އަންހެނުންގެ ފައިތިލަ ސާބިތު ކުރަމުންދާއިރު، އެންމެ މުހިންމު ދާއިރާގައި ވެސް މިއަދު ގިނައީ އަންހެނުންނެވެ. ޖީލަކަށް ތަރުބިއްޔަތު ދިނުމުގެ ރޭހުގައި ކުރިއަށްދާން ގިނައިން މިއަދު ތިބީ އަންހެން ޓީޗަރުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ސްކޫލުތަކުގައި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން 28 އިންސައްތައަކީ ފިރިހެނުންނެވެ. އަދި 72 އިންސައްތައަކީ އަންހެނުންނެވެ. މިތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި އަންހެނުންގެ ދައުރު އިންތިހާއަށް ބޮޑެވެ. ސްކޫލުތަކުގެ އެޑްމިން ވަޒީފާތަކުން ފެށިގެން ސްކޫލުތަކުގެ މެނޭޖްމެންޓް ލެވަލްގައި ގިނައީ އަންހެނުންނެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ތައުލީމީ ދާއިރާއަށް އަންހެން މުވައްޒަފުން އިތުރުވާނެއެވެ. އެއީ މިހާރުވެސް ޓީޗިންގ އެކިއެކި ކޯސްތައް ހަދައި، ގްރެޖުއޭޓްވަނީ ނިސްބަތުން އަންހެން ދަރިވަރުން ކަމަށްވާތީއެވެ. މިދާއިރާއަށް މިހާރު ނުކުންނަ ފިރިހެނުން ނިސްބަތުން މަދުކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާގައި އަންހެން މުވައްޒަފުން ގިނަވާ ސަބަބުތަކަށް ބަލާއިރު، ބިދޭސީ ޓީޗަރުން މަދުކޮށް ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފެށި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދު ބިދޭސީންގެ ޓީޗަރުންގެ ގޮތުގައި މުޅި ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ ވެސް އެންމެ 20 އިންސައްތަ ބިދޭސީންކަން އުފަލާއެކު ފާހަގަކުރަން ޖެހެއެވެ. ގިނަ ރަށްރަށުގެ ސްކޫލުތަކުން ފުރުސަތުތައް ލިބޭއިރު، ރަށުގައި ދިރިއުޅެން ބޭނުންވާތީ އެދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ އަންހެނުން ވެސް ގިނައެވެ. އަދި ވިހެއުމާއެކު 6 މަސްދުވަސް ޗުއްޓީ ލިބުމަކީ ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން އެކިއެކި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުން މުދަރިސްކަމުގެ އެކިއެކި ދާއިރާތަކުން ކޮންމެ އަހަރަކު ދެފަހަރު ކޯސްތައް ހިންގުމަށް އިއުލާންކުރެއެވެ. ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މާލޭގައި ތިބެގެން ކިޔެވެން ނެތް ދަރިވަރުންނަށް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތްތައް ފަހިކޮށްދީފައިވެއެވެ. އެހެންކަމުން ވަގުތީ ވަޒީފާއަށް ސްކޫލަށް ވަންނަ މުވައްޒަފު ވެސް ތައުލީމީ ދާއިރާއަށް ޝައުގުވެރިވެ މިދާއިރާއިން ކުރިއަށް ދިއުމަށް ކޯސް ފުރިހަމަކުރެއެވެ. މިބީދައިން ކޯސް ފުރިހަމަކުރާ އެތައް އަންހެން މުވައްޒަފުންނެއް މިއަދު އެބަތިއްބެއެވެ.

ތައުލީމީ ދާއިރާގައި ބޮޑު އިންސައްތައެއް އަންހެނުން ހިއްސާކުރާއިރު، އެމީހުން ވަމުން އެދަނީ ބޮޑު ގުރުބާނީއެކެވެ. ޖީލެއްގެ ޒިންމާ ނަގައިގެން ކުރިއަށް ދެވޭނީ ލައްކަ ހިތްވަރުން ކަމާމެދު ޝައްކެތްނެވެ. އުޖޫރަކުޑަވެ، ގިނަ ކަންބޮޑުވުންތައް ހުރި ނަމަވެސް ޚިދުމަތް ކުރަމުންދަނީ އުފަލާއެކުއެވެ. ހައްލު ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އެހެންކަމުން ކުރިއްސުރެ ބުނެ އުޅެއެވެ. "ރަށެއް ކުރިއަރާނީ އެ ރަށެއްގެ އަންހެނުންގެ އެހީއާ ލައިގެންނެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
13 އޮކްޓޯބަރ 2021 | ބުދަ 07:42
މަޒް
ސަރ އެއް ހުންނާނެކަމެއް ނެތެވެ.. ހުސް މިސް ތިބީމާ ރަނގަޅެވެ. ސަރތަށް އެހެން ވަޒީފާތަކަށް ދިޔާމަވީ..