ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު ގަތުމަށް ހޮނިހިރު ދުވަހުގެ ފަތިހު 5:30 އިން ފެށިގެން ބޮޑު ކިޔޫއެއް ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ދަމާލައިފިއެވެ.
ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖެހިއިރު ވިއްކަން ފަށާފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ 5:30 އިން ފެށިގެން ކިޔޫ ހަދާފައެވެ. ޓިކެޓު ވިިއްކަމުން ދަނީ ކޮންމެ ވެކްސިން ކާޑަކަށް ޓިކެޓެއްގެ މަގުން މީހަކަށް ގިނަވެގެން ފަސް ޓިކެޓެވެ. ކިޔޫގައި ތިބި މީހުން ވަނީ ޓިކެޓު ވިއްކުމުގައި އެކި ދުވަހު އެކި ގޮތަށް އަމަލުކުރާކަމަށް ބުނެ ޝަކުވާކޮށްފައެވެ.
މީގެ ކުރިން ކޮންމެ ވެކްސިން ކާޑެއް ހިފައިގެން އައުމުން އެކަކަށް އެބަ ވިއްކާ ފަސް ޓިކެޓް. އެކަމަކު މި މެޗުގައި މި ވިއްކަނީ ކޮންމެ ވެކްސިން ކާޑަކަށް ޓިކެޓެއް، އެކި ދުވަހު އެކި އުސޫލުން މިކަންވެސް މި ކުރަނީ.ޓިކެޓު ގަތުމަށް ކިޔޫގައި ހުރި މީހަކު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޓިކެޓު ވިއްކަން ކަނޑައަޅާފައިވާ އުސޫލުގެ ތެެރެއިން މީހަކަށް ގިނަވެގެން ވިއްކާނީ ފަސް ޓިކެެޓެެވެ. އެފްއޭއެމުން ބުނީ އެ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ ޓިކެޓަށް ދަނޑަށް ވަންނަ ކޮންމެ މީހެއްގެ ވެކްސިން ކާޑާއި، އައިޑީ ކާޑު ޓިކެޓު ގަންނަން އަންނަ މީހާ ގެންނަން ޖެހޭނެ ކަމަށެވެ. މި ގޮތަށް ހަމަޖެއްސީ ޓިކެޓަށް ދަނޑަށް ވަންނަ މީހަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ މީހަކަށް ހެދުމަށް ކަމަށް އެފްއޭއެމުން ކުރިން ބުނެފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕަށް ގޮނޑި ބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ.
ހޮނިހިރު ދުވަހު ޓިކެޓު ވިކަަން ފެށިއިރު ގޮނޑި ބަރީގެ އެއްވެސް ޓިކެޓެއް ގަންނާކަށް ނުލިބެއެވެ. އެގޮތުން ގޮނޑި ބަރީގެ ޓިކެޓު ވިކަން ނެރިފައެއް ނުވެއެވެ. އެކަމާ ގުޅިގެންވެސް ޓިކެޓު ގަތުމަށް ގޮސް ތިބި އެތައް ސަތޭކަ ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
އަހަރެން މި ހުރީ ކިޔޫގެ އެންމެ ކުރީީގައި. އެކަމަކު ގޮނޑިބަރީގެ ޓިކެޓެއް ގަންނާކަށްވެސް ނެތް. ނުލިބެނީ ކީއްވެހޭ އެހީމަ ބުނީ ހުސްވެފައޭ. ވިއްކާކަށް ނެތޭ އެއްވެސް ޓިކެޓެއް. މިއީ ކިހާ ހެއްވާކަމެއް ދެން. ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ވިއްކަންވެސް ނުނެރި މި ބުނަނީ ހުސްވެއްޖެއޭ. މިއީ ބޮޑު ޖަރީމާއެއް. ބޮޑު އޮޅުވާލުމެއްގެ ތެރެއިން ޓިކެޓުތައް ވިއްކަން ނުނެރި އެފްއޭއެމުން ބްލެކް މާކެޓުގައި އަގުބޮޑުކޮށް ވިއްކަމުންދަނީ.ޓިކެޓް ގަންނަން ހުރި ސަޕޯޓަރެއް
ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ރާއްޖެ އާއި ލަންކާ މެޗުގައި ވިއްކުމަށް ނެރިިފައި ވަނީ ހަމަ އެކަނި ސިޑިބަރިން 1،200 ޓިކެޓެވެ. ގޮނޑި ބަރީގެ ޓިކެޓު ވިއްކަން ނެރިފައި ނުވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި، ކުލަބުތަކަށް އަދި ރަސްމީ އިދާރާތަކަށް ޚާއްސަކޮށްފައިވާތީ ކަމަަށް އެފްއޭއެމުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން 1،200 ޓިކެޓުގެ ތެރެއިން 200 ޓިކެޓް ޚާއްސަކޮށްފައި ވަނީ ރާއްޖެ އާއި ދެކޮޅަށް ކުޅޭ ލަންކާ ޓީމުގެ ސަޕޯޓަރުންނަށެވެ. އޮފިޝަލް ވިދާޅުވީ މިހާރު ވިއްކަން ނެރިފައިވާ 1،200 ޓިކެޓުގެ އިތުރުން އިތުރު 300 ޓިކެޓު ވިއްކަން ނެރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އެ 300 ޓިކެޓުވެސް ވިއްކަން ނެރެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެކަމަށެވެ.
ރާއްޖޭގައި އަބަދުވެސް ގައުމީ ޓީމު ކުޅޭ މެޗުތަކަށް ޓިކެޓުގެ ޑިމާންޑް ބޮޑުވާއިރު، މި ފަހަރުގެ މުބާރާތުގައި ޓިކެޓު ގަންނަ ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.ކަޅު ބާޒާރުގައި އެތައް ބަޔަކު އަގު ބޮޑުކޮން ޓިކެޓު ވިއްކާއިރު، 1،000 ރުފިޔާއަށް ސިޑިބަރީގެ ޓިކެޓުގެ އަގު ވަނީ މި މުބާރާތުގައިވެސް އަރާފައެވެ. މި މުބާރާތުގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބޭއްވިއިރު ޓިކެޓުތަކުގެ ޑިމާންޑް ބޮޑުވެ، އެތައް ބަޔެއްގެ ނުރުހުން އެފްއޭއެމަށް އަމާޒުވެ، އެފްއޭއެމް ދޮށުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.